ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އާއްމުވެ ރާއްޖެ ފަސާދަވެގެން މިދަނީ އެއްވެސް ހުރަހެއް ނެތި ރާއްޖެއިން ޕޯން ސައިޓު (ބަރަހަަނާ) ތަކަށް ވަދެވޭތީ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު މަޖްލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވުން ސަނީފު ވިދާޅުވީ ރާއްޖެ ފަސާދަ ވުމުގައި ރާއްޖޭގެ ވިޔަފާރި ކުންފުނި ތަކުގެ ހިއްސާ ބޮޑު ކަމަށެވެ.
އެގޮތުން ރާއްޖޭގައި މުވާސަލާތީ ހިދްމަތް ފޯރުކޮށްދޭ ދެ ކުންފުނި މެދުވެރިކޮށް ރާއްޖޭގައި ޕޯން ސައިޓުތަކަށް ވަންނަމުން އަންނައިރު، އެކަމާއި ހަވާލުވެ ހުރި މިނިސްޓްރީ އާއި ކޭމްއިން އިން ބޮޑުތަނުން އިހްމާލުވެފައިވާ ކަމަށެވެ.
"ދިވެހި ރާއްޖެ ހަލާކުވެގެން މިދަނީ މި ޕޯން ވީޑިއޯތަކާއި، ޕޯން ސައިޓުތަކަށް ވަދެ ގިނަ އަދަދެއްގެ ބަޔަކު، ދިވެހި ރާއްޖެ ނޫނީއްޔާ ދުނިޔޭގެ ގައުމުތަކުގައި މިހާ ގިނަ ޕޯން ސައިޓަށް ފްރީކޮށް ވަދެވޭ ގައުމެއް ނޯންނާނެ"
ސަނީފު ވިދާޅުވިއެވެ.
ސަނީފު ވިދާޅުވީ ރާއްޖެ އަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ޕޯން ސައިޓުތަކަށް ވަދެވޭނެ ފުރުސަތު ހުޅުވިފައިވާ ގައުމެއް ކަމަށެވެ. އަދި މި ފާހިޝް ކަންތަކަށް ނުހުއްޓުވި މި ގައުމުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ފަދަ ކަންކަން ނުހުއްޓުވޭނެ ކަމަށް ސަނީފު ވިދާޅުވިއެވެ.