(ޖުލައި 18، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
މި ކުޅިގަނޑު ނަދާގެ ބައްޕަ އަށް އަންގަން ވެސް ނަދާ ވަރަށް ބޭނުމެވެ. އެހެން ނަމަވެސް ދައްތައަކީ ނަދާ ކުޑައިރުއްސުރެން މަންމައަކާ ނުލައި ބަލަމުންދާ މީހެއް ކަމުން ނަދާ، ދައްތަ ބޭޒާރުކުރާކަށް ބޭނުމެއް ނުވި އެވެ.
ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ޔޫސުފްގެ އާއިލާ އަށް ޝަރީފާމެން ދިރިއުޅޭ އެޕާޓްމަންޓަށް ދެވިއްޖެ އެވެ. ނަމަވެސް ސަކީނާގެ ހިތް ވަނީ ނުތަނަވަސް ވެފަ އެވެ. ވާނީ ވެސް އެހެންތާ އެވެ. ތިމާގެ ފިރިމީހާ އާ އެއްކޮށް ލަންކާގައި މިހާރު އުޅެން ޖެހިފައި މިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ދިރިއުޅޭ ގޭގަ އެވެ.
މާދިން އާއި ޝާޔާ ގެއިން ނިކުތީ ހަނީފްމެން ގެ އަށް ދާށެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ޝާޔާ އަށް ފެނުނީ ޝާޔާގެ ބައްޕަ ސަވާދެވެ. ސަވާދުގެ މޫނު މަތިން ފެންނަނީ ހިތްހަމަނުޖެހުމުގެ މަަންޒަރެވެ. ނަމަވެސް ސަވާދަކީ ދުވަހަކުވެސް ޝާޔާގެ ކުރިމަތީގައި އެއްޗެއް ބުނި މީހެއް ނޫނެވެ.
"ޝާޔާ ކޮންތާކަށް ތި ދަނީ؟" ސަވާދު ޝާޔާ އާއި މާދިން އާ އަރާ ހަމަކޮށް ބުނެލި އެވެ.
ޝާޔާއަށް ލިބުނުނީ ކުއްލި ޝޮކެކެވެ. ވާނީ ވެސް އެހެންތާ އެވެ. ޝާޔާގެ މުޅި ހަޔާތުގައި ވެސް ބައްޕަ ފުރަތަމަ ވެސް ހިތްހަމަ ނުޖެހި ޝާޔާ އާ ވާހަކަ ދެއްކި ފަހަރެވެ. ސަވާދު ކުރި ސުވާލަށް ޝާޔާ އަށް ޖަވާބު ނުދެވެނީސް ސަވާދު އަނެއްކާ ވެސް ހާސަރު ގަނޑުފެށި އެވެ.
"ހަމަ މިހާރު ގެއަށްދޭ. ހީކުރީތަ ގްރޭޑް 10 ނިމުނީމަ ތިމަންނަ ބޮޑުވީ ކަމަށް." ސަވާދު ޝާޔާގެ އަތުގައި ބާރަށް ހިފައިލަމުން ބުނެލި އެވެ.
"އަނެއްކާ ބައްޕަ އަށް ކިހިނެތްވީބާ؟" ޝާޔާ ހިތުން ސުވާލު ކުރި އެވެ.
"ކަލޭ ހަނދާން ކުރާތި މީގެ ފަހުން ކަލޭ ޝާޔާ އާ އެއްކޮށް ފެނުނަސް ދުވަސް ދުއްވާލާނަން." މާދިން އާ ދިމާލަށް ބަލައިލުމާއި އެކު ސަވާދު ބުނެލި އެވެ.
ސަވާދުގެ އެ ޖުމްލައިން ޝާޔާގެ ހިތަށްވެސް ބިރުވެރި ކަމެއް ވެރިވެއްޖެ އެވެ. މާދިން ނުފެނި ޝާޔާ އަށް ހުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ނަމަވެސް ސަވާދަކީ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ މީހެއްކަން ހުދު ޝާޔާއަށް އިނގެ އެވެ. މާދިން ވެސް ބޭނުންވީ މަސްލަހަތު ގޯސް ނުވަނީސް މިހާރުއޮތް ރަހްމަތްތެރި ގުޅުން ވެސް ކަނޑާލާށެވެ.
ނަދާ ކޮލެޖަށް ދާން ކޮޓަރިން ނިކުތް ވަގުތަކީ ޔޫސުފް އާއި ނާހިލްގެ އިތުރުން ސަކީނާ ވެސް ގެއަށް ވަން ވަގުތެވެ. ނަދާ ފެނުމާ އެކު ނާހިލްއަށް ވީގޮތެއް ވެސް ނޭގުނެވެ. ބަސް ހުއްޓިފައި ހުރެވުނީ އެވެ. ނާހިލްގެ ހަޔާތުން ދުވަހަކު ވެސް މިފަދަ ރީތި ކުއްޖެއް ފެނިފައި ނެތެވެ. ނަދާގެ ދެ ލޮލުގައިވާ ޖާދުވީ ބާރުން ނާހިލް ހަމަ ރަނގަޅަށް ވެސް އާޝޯޙްވެެއްޖެ އެވެ.
"ދަރިފުޅާ ނަދާ ހާދަ އަވަހަށް ކޮލެޖަށް މިއަދު ތި ދަނީ؟" ޝަރީފާ ސޯފާއިން ތެދުވަމުން ބުނެލި އެވެ.
"އަވަސްތަ. މިހާރު އެހެރަ ގަޑިޖެ ހެނީނު." ނަދާ ސިޓިން ރޫމްގައި ހުރި ފޮތް ހަރުގަނޑުން ފޮތްތައް ދަބަހަށް އަޅަމުން ބުނެލި އެވެ.
"ނަދާ. ހާދަ ލޯބި ނަމެކޭ" ނާހިލް ހިތުން ކިޔައިލި އެވެ.
"ހިނގާ އަވަހަށް ކޮޓަރިތައް ބަލަން." ޝަރީފާ ޔޫސުފަށް ބަލަހައްޓައިގެން ހުރެ ބުނެލި އެވެ.
މާދިންގެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފި އެވެ. މާދިންގެ ސަބަބުން މިއަދު ޝާޔާ އަށް ލިބުނީ ކިހާ ބޮޑު ހިތާމައެއް ހެއްޔެވެ. މާދިން މަޑުމަޑުން ފަހަތަށް ޖެހެން ފަށައިފި އެވެ. ޝާޔާ ބޭނުންވީ އޭނަގެ ބައްޕަ އަށް ވިސްނައި ދޭށެވެ.
"ބައްޕާ، މި ދަނީ ދޮންބެމެން ގަރާޖަށް. ދޮންބެ މިއަދު ފުރާތީ." ޝާޔާ ހާސްވެ ހުރެ ބުނެލި އެވެ.
"އޭނަ ފުރަންޏާ ޝާޔާ އަށް ކޮން ކަމެއް؟" ސަވާދު ޝާޔާ އާ ކައިރިވަމުން ބުނެލި އެވެ.
"ދޮންބެ ބުނީ ދޮންބެ އަންނަންދެން ގަރާޖުގެ ކަންތައްތައް ބަލަހައްޓަން ކުއްޖަކު ހޯދާށޭ. އެހެންވެ މިދަނީ މާދިން ގޮވައިގެން ދޮންބެ ކައިރިއަށް." ޝާޔާ ހިތް ނުތަނަވަސް ވެ ހުރެ ބުނެލި އެވެ.
"ތީ ހަނީފުގެ ޕިޔޯނުތަ؟ އޭނ…އޭނަ ބުނާހާ ކަމެއް ކުރަން. ހަމަ މިހާރު ގެއަށް ދޭ." ސަވާދުގެ ހަރުކަށި ކަމާއެކު ބުނެލި އެވެ.
ޝާޔާ ވެސް ބޭނުންވީ އޭނަގެ ގޮތް ދޫނުކުރުމަށެވެ.
"ނޫން. އަހަރެން ދާނީ ދޮންބެމެންގެ އަށް." ޝާޔާ މާދިންގެ އަތުގައި ހިފާލުމާއެކު ބުނެލި އެވެ.
ސަވާދުގެ ރުޅި މައިތިރިއެއް ނުވިއެ ވެ. ސަވާދު ބޭނުންވީ އަތުން ގޯހެއް ހަދައިގެން ނަމަވެސް ޝާޔާ ގެއަށް ފޮނުވާލެވޭތޯ އެވެ. ޝާޔާ އެންމެ ފަސޭހައިން ގެއަށް ދާނީ މާދިން އަށް ކަމެއް ކުރުމުން ކަމަށް ސަވާދަށް ވިސްނުނެވެ.
ކުއްލިއަކަށް ސަވާދު މާދިންގެ މޫނުމަތީގައި އެތި ފަހަރެއް ޖެހި އެވެ.
"ނޫން ބައްޕާ. ތިހެން ނަހަދާ. މާދިންގެ ކުށަކީ ކޮބާ؟" ޝާޔާ، ސަވާދު އާ މާދިންގެ ދެމެދަށް ވަދެ، ބާރަށް ބުނެލި އެވެ.
(ނުނިމޭ)