އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އިމްޕީޗްކުރި މައްސަލައިގެ ޝަރީއަތް ސެނެޓުގައި ކުރިއަށް ގެންދިޔައިރު އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދިން ސަރުކާރުގެ އިސް ދެ އޮފިޝަލަކު ވަކިކޮށްފިއެވެ.
ވަކިކޮށްފައިވަނީ އެމެރިކާއިން އީޔޫ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެއް ކަމަށްވާ ގޯޑަން ސޮންޑްލޭންޑާއި އަސްކަރިއްޔާ އިސް އޮފިޝަލެއް ކަމަށްވާ ލިއުޓެނަންޓް އެލެކްޒެންޑާ ވިންޑްމަންއެވެ.
ބުދަ ދުވަހު ސެނެޓުން ވަނީ ޓްރަމްޕްގެ މައްޗަށް ނުފޫޒު ހިންގުމުގެ ކުށް ސާބިތުނުވާ ކަމަށް ނިންމައި މަގާމުން ދުރުކުރުމަށް ނުފެންނަ ކަމަށް ނިންމާފައެވެ. ސެނެޓުގެ މެޖޯރިޓީ އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ.
ޓްރަމްޕް ވަނީ ޝަރީއަތުގައި ދެކޮޅަށް ހެކިބަސް ދިން ދެބޭފުޅުންނާ ދެމެދު ހިތްހަމަނުޖެހޭ ކަން މީޑިޔާގައި ހާމަކޮށްފައެވެ. ވައިޓް ހައުސް އިން ނިކުމެވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ ހަމައެކަނި އެބަސްތަކެވެ.
ޝަރީއަތަށް ފަހު މައްސަލައިން ރެކިވަޑައިގަތް ނަމަވެސް އިތުރު އޮފިޝަލުން މަގާމުން ދުރުކުރާނެ ކަމަށް ބެލެވެއެވެ.
ޓްރަމްޕްގެ މައްސަލަ ހައުސް އިން ބަލަން ފެށީ ޔުކްރެއިންގެ ބޮޑުވަޒީރަށް ގުޅުއްވައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ މައްސަލަ ބެއްލެވުމަށް އެދިވަޑައިގަތުމުންނެވެ. އެއީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ހިފުން ކަމަށް ނިންމައި ހައުސް އިން ވަނީ ޓްރަމްޕް އިމްޕީޗް ކޮށްފައެވެ.
ނަމަވެސް ސެނެޓު އަޑުއެހުމުން މަގާމުން ދުރުކުރުމަށް ނުފެންނަ ކަމަށް ނިންމުމުން ޓްރަމްޕްގެ މަގާމު ވަނީ ދަމަހައްޓާފައެވެ.