Last Updated: November 28, 06:03
Thursday, November 28, 2024
ޚަބަރު

ރައީސް ނަޝީދުގެ ނުރުހުން މިނިސްޓަރ ޒަހާއަށް!

ކަޅުބިލަ މަސް ގަތުމަށް ދީފައިވާ ހާއްސަ ހުއްދަ އުވާލުން ލަސްވާ މައްސަލަ އާއި ހޮރައިޒަންއަށް މަޑަވެލިން ދީފައިވާ ބިމުގެ މައްސަލާގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ދެއްވި ޖަވާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް. މުހައްމަދު ނަޝީދު ނުރުހުންވެ ވާހަކަފުޅު ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިޝަރީޒު މިނިސްޓަރ ޒަަހާ ވަހީދު އާއި ސުވާލު ކުރެއްވި ވަގުތު ބައެއް މެމްބަރުން ކަޅުބިލަ މަހުގެ ހާއްސަ އެކްސްކުލޫސިވިޓީ އުވާލުމާއި ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޒަހާ ދެއްވި ޖަވާބާއި ގުޅިގެން ނަޝީދު ވަނީ ނުރުހުންވެ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެކްސްކުލޫސިވް އެގްރިމެންޓު އުވާލުމަށް ދެމަސް ވަރު ނަގާނެކަމަށް ވިދާޅުވުން ނަޝީދު އެކްސްކްލޫސިވިޓީ އުވާލަން ދެ ތިން މަހަށް މަޑުކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑު އިއްޒަތްތެރި ވަޒީރު އަރިހުގައި ދަންނަވާލާނަން. ދެ މަހަކީ އަޅުގަނޑު ހިތުން މި މަޖިލިސް މަޑު ކުރާނެ މުއްދަތެއް ނޫން. އެހެންވީމަ އިއްޒަތްތެރި ވަޒީރު އެކަން ވަރަށް ބޮޑަށް ބަލައިގަންނަވާތި. އަދި އެ މަގަށް މަސައްކަތްކޮށްދެއްވުމަށް ނިހާޔަތަށް އަޅުގަނޑު އެދެން. ދެ ހަފްތާ ވެސް މި މަޖިލިސް ބަލައިގެންފި ނަމަ އަޅުގަނޑު އަޖައިބުވާނެ." ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ގދ. ހޯޑެއްދޫ އިން ހޮރައިޒަން ފިޝަރީޒަށް ބިން ދޫކުރި އެއްބަސްވުމާއި ގުޅޭގޮތުން އެދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ކުރެއްވި ސުވާލަށް މިނިސްޓަރ ދެއްވި ޖަވާބަށްވެސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ.

ނަޝީދު ވިދާޅުވީ ހޯޑެއްދޫ އިން ހޮރައިޒަން ފިޝަރީޒަށް ބިން ދޫކުރި އެއްބަސްވުމާ، އެ ކުންފުނިން ހިލާފުވެފައި ވޭތޯ އެވެ.

"އިއްޒަތްތެރި މެމްބަރުގެ ސުވާލަކީ [ހޮރައިޒަން ފިޝަރީޒުން] އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އިއްޒަތްތެރި ވަޒީރު ދެކެވަޑައިގަންނަވަންތޯ؟ ހޯޑެއްދޫ އެއްބަސްވުމާ، އެއީ 2005 ވަނަ އަހަރު، ހޯޑެއްދޫގައި ދެކުނުގެ ހަތަރު އަތޮޅު އެއްކޮށް ބާނާ މަސް ބަންދު ކުރުމުގެ، 50 ޓަނުގެ ޕްލާންޓެއް ހެދުމުގެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް އިއްޒަތްތެރި ވަޒީރު ދެކެވަޑައިގަންނަވަންތޯ؟" ނަޝީދު ވިދާޅުވިއެވެ.

މި ސުވާލަށްވެސް ޒަހާ ދެެއްވީ ވަރަށް ކުރު ޖަވާބެކެވެ. ޒަހާ ވިދާޅުވީ އެެއްބަސްވުމުގެ މައްސަލަ އޮތީ ކޯޓުގައި ކަމަށެވެ. އަދި އެކަމާއި މަޖިލީހުގެ ތަޅުމުގައި އިތުރަށް އެ ވާހަކަ ދައްކައިގެން ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޒަހާ ވިދާޅުވި އެވެ.