ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ލިބޭ ގެެއްލުން ކުޑަކުރުމަށް އިންޑިއާގެ ބައެއް މަންޒިލްތަކަށް ވަރަށް އަވަހަށް ދަތުރުފެށުމަށް ނިންމާފައިވާކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފިއެވެ.
މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ މޮބައިލް އެޕްލިކޭޝަން ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ އެކުންފުނިން ޗައިނާއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލަން ޖެހުމާއި ގުޅިގެން ކުންފުންޏަށް ގެއްލުން ވަމުން އަންނަ ކަމަށެވެ.
ރިޒްވީ ވިދާޅުވީ ޗައިނާއަށް ދަތުރުކުރުމަށް ގެނެސްފައިވާ އެއާބަސް ބޯޓުތައް ގްރައުންޑުކޮށްފައި ބޭތިއްބުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންވެ އެ ބޯޓުތަކުގައި ކައިރި މަންޒިލް ތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު ވަރަށް އަވަހަށް އިންޑިއާގެ އާ މަންޒިލްތަކަށް ދަތުރު ފެށިގެންދާނެކަމަށެވެ.
މޯލްޑިވިއަންއިން މިހާރުވެސް އިންޑިއާގެ ތިން ސިޓީއަކަށް އަންނަނީ ދަތުރުކުރަމުންނެވެ.
ރިޒްވީ ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އެންމެ ފުރަތަމަ ދަތުރުފަށާ އިންޑިއާގެ މަންޒިލްތައް ހާމަ ކުރެވޭ ވަރުވާނެކަމަށެވެ.
ޗައިނާއަށް މޯލްޑިވިއަން ކުރަމުން އައި ދަތުރުތައް ހުއްޓާލިއިރު ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާ އާއި ރާއްޖެ އާއި ދެމެދުގެ ސީދާ ދަތުރުތައް އެހެން އެއާލައިން ތަކުންވެސް ވަނީ މަޑުޖައްސާލާފައެވެ.