ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ އިން ނެދަލޭންޑްސްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ދިވެހި ސަރުކާރާ ދެކޮޅަށް 155 މިލިއަން ޑޮލަރު ބަދަލުގައި ހުށައެޅި މައްސަލައިގެ ތެރެއިން ސަރުކާރުން، ކޯޓުން ބޭރުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނޫމަޑީގެ މައްސަލައިގައި ދައުލަތުން އެކުންފުންޏަށް ފައިސާ ދައްކާފައިވޭތޯ އާއި އޭގެ ތަފްސީލް ހޯދުމަށް ފިނޭންސް މިނިސްޓަރ އާއި ސުވާލުކުރެއްވުމުންނެވެ.
ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވީ ރައީސުލް ޖުމްހުރިއްޔާ އެކުލަވާލި ސެޓްލްމަންޓު ކޮމެޓީއަކުން ކަމަށެވެ. އަދި އެކޮމިޓީން މުޅި މައްސަލަ ދިރާސާކޮށް އައުޓް އޮފް ކޯޓު ސެޓްލްމަންޓެއް ހެދީ އެ މައްސަލަ ދިވެހި ދައުލަތަށް ކާމިޔާބު ވުމުގެ ފުރުސަތު ކުޑަކަމުން ކަމަށެވެ.
އެގޮތުން ނޫމަޑިން ހޯދަން ހުށަހަޅާފައިވާ 155 މިލިއަންގެ ތެރެއިން ކޯޓުން ބޭރުގައި މައްސަލަ ނިންމީ 55 މިލިއަން ޑޮލަރު އެކުންފުންޏަށް ދިނުމަށެވެ. އެގޮތުން ދެ ޕޭމަންޓުގެ ގޮތުގައި ދައުލަތުން ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ނޫމަޑިއާ ދެމެދު 2011 ގައި ސޮއިކުރެވުނު އެއްބަސްވުމަކީ 600 ހައުސިން ޔުނިޓު އެޅުމަށާއި އޭގެ ފަހުން 2013 ގައި 500 ހައުސިން ޔުނިޓް، ޕޮލިސް އެކެޑަމީ ފޭސް 1، ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރާ ވެވުނު އެއްބަސްވުންތަކެވެ.
ސަރުކާރުން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ވަކި ހިސާބަކުން އުވާލާފައިވަނީ ނޫމަޑި އިން ކޮންޓްރެކްޓާ ޚިލާފުވި ކަމަށް ބުނެއެވެ. ނަމަވެސް އެކުންފުނިން ބުނެފައިވަނީ އެއްބަސްވުމާ ޚިލާފު ވެފައިވަނީ ސަރުކާރުން ކަމަށެވެ. އެގޮތުން ނޫމަޑިއަށް ރިސޯޓެއް ގާއިމްކުރުމަށް ދިން ރަށެއް އެއްބަސްވުމާ ޚިލާފަށް ސަރުކާރުން ނަގާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފައިވެއެވެ. މިކަން ހިނގާފައިވަނީ ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުގައެވެ.
ރަށް އަތުލުމުން ކޮންޓްރެކްޓުކުރި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ނޫމަޑިއިން އޭރު ބުނެފައިވާއިރު 80 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މަސައްކަތް ނިންމާފައިނުވާތީ ރައްޔިތުންނަށް އޭގެ އެއްވެސް މަންފާއެއް ކުރެވިފައެއް ނުވެއެވެ.