ނޫމަޑި މައްސަލާގައި ދައުލަތަށް ބޮޑު ގެއްްލުމެއް ލިބުނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރެއްވި ގޮތުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިފަދައިން ވިދާޅުވީ ނޫމަޑި މައްސަލައިގެ ދައުލަތުން އެކުންފުންޏަށް ދިނީ ކިހާ އަދަދެއްގެ ފައިސާ ތޯ އާއި އެކުންފުންޏަށް ފައިސާ ދެއްކީ ކޮން އުސޫލަކުންތޯ ސާފު ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު އާއި ސުވާލު ކުރުމަށް މިއަދު މަޖްލިސްއަށް ހާޒިރު ކުރުމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަމީރު ވިދާޅުވީ ނޫމަޑި ފޭސް 1 ގެ މައްސަލާގައި އެކުންފުންޏަށް ކޯޓުން ބޭރުގައި 55 މިލިއަން ޑޮލަރު ދިނީ ރައީސް އުފައްދަވާފައިވާ ސެޓްލްމަންޓު ކޮމެޓީގެ މަޝްވަރާއަށް ފަހު ކަމަށެވެ. އަދި މަޝްވަރާ ކުރިއިރު ދައުލަތުގެ ހެކި ބަލިކަށިކަން ފާހަގަވި ކަމަށެވެ.
އަމީރު ވިދާޅުވީ އެމައްސަލަ ސަރުކާރާއި ދެކޮޅަށް ނިންމުމުގެ ފުރުސަތު ބޮޑުވީ ކުރީގެ ސަރުކާރުން އަމަލު ކުރި ގޮތުން ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓަރ އަމަލު ކުރައްވާފައިވާ ގޮތް އަމީރު ފާހަގަ ކުރެއްވިއެވެ.
މި މައްްސަލާގައި މުއިއްޒުވަނީ ދައުލަތާއި ދެކޮޅަށް ނޫމަޑި އާއި އެއްކޮޅަށް ހެކިބަސް ދެއްވާފައެވެ. މި މައްސަލަ ދައުލަތުން މިހާރުވަނީ ތަހްގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފައި ކަމަށެވެ. އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށެވެ. ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.
މުއިއްޒު ވަނީ 17 ނޮވެންބަރު 2018 ގައި މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.