ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން ރަނގަޅުކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ސީޕްލޭން ޓާމިނަލް މައްސަލަ އާއި ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުން ޓީއެެމްއޭއަށް ދޭން ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
ސަރުކާރުން ވަނީ ޓީއެމްއޭއަށް 5000 އަކަމީޓަރު ޖާގަ 2 އަހަރު ދުވަހަށް ދިނުމަށް ނިންމާފައެވެ. ނަމަވެސް ޓީއެމްއޭއިން ބުނެފައިވަނީ އެ ކުންފުންޓަށް 19000 އަކަމީޓަރުގެ ޖާގަ ދިނުމަށް އެމްއޭސީއެލްއިން ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް އެންގުމާއި ގުޅިގެން ބައެއް ރިސޯޓުތަކަށް ލައުންޖުން ޖާގަ ވިއްކާފައިވާ ކަމަށް ޓީއެމްއޭއިން އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީ ބައްދަލުވުމުގައި އެކުންފުނިން ވަނީ ބުނެފައެވެ.
ޒިޔަތު ވިދާޅުވީ ޓީއެމްއޭއިން މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލް ރޫޅާލެވެން އޮތީ އެކުންފުންޏަށް އާޓާމިނަލުން ވީއެންމެ އަވަހަކަށް ޖާގަ ދެވިގެން ކަމަށެވެ. އަދި އެކަން ލަސްވާ ނަމަ އެމްއޭސީއެލްއަށް ބޮޑުގެއްލުމެއް ލިބިގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.
ޓީއެމްއޭއަށް 5000 އަކަ މީޓަރުގެ ޖާގައެއްދޭން ސަރުކާރުން ނިންމީ މީގެ ކުރިން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައިގެންނެވެ.
އެމްއޭސީއެލްގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭން ޓާމިނަލް ޕްރޮޖެކްޓު ހިންގަން އެ ކުންފުނިން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ އަލަށް އެޅި ރަންވޭ ސަރަހައްދުގައި މިހާރު ހުރި ސީޕްލޭން އޮޕަރޭޓަރުގެ ފެސިލިޓީ ރީލޮކޭޓު ކުރަން ޖެހުމުން ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭން ފެސިލިޓީ ދޫކޮށް އާ ސީޕްލޭން ޓާމިނަލަށް ބަދަލުވުމަކީ އެފަރާތުން އިތުރު ހަރަދެއް ކުރަންޖެހިފައިވާ ކަމަކަށްވާއިރު ރީލޮކޭޓު ކުރެވޭ ފަރާތުން މިހާރުގެ ލައުންޖު ހިންގުމަށް ދޫކޮށް އަދި އޮފީސް ހިންގުމާއި އެހެނިހެން އޮޕަރޭޝަންތަކަށް އައު ސީޕްލޭން ޓާމިނަލް ދިނުމަށް ކަނޑައަޅާފައވާ ޖާގަ ދިނުމަކީ އިންސާފުވެރި ގޮތެއް ކަމުގައި އޮޑިޓާ ޖެނެރަލް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެ އޮޕަރޭޓަރަށް ޖާގަ ދޫކުރުމަށްފަހު ބާކީ ހުރި ޖާގައިން ލައުންޖު ހިންގުމަށް ވާދަވެރި އަގެއްގައި އަދި އެހެނިހެން ހިދުމަތްތަކަށް އެމްއޭސީއެލްއިން އާއްމުކޮށް ދޫކުރާ ރޭޓުތަކުގައި ޖާގަ ދޫކުރުމުން އަހަރަކަށް 33.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައވަނީ މިހާރު މަޝްވަރާކޮށްފައވާ ރޭޓުތަކަށް މުޅި ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ކުއްޔަށް ދޫކޮށްފިނަމަ ކުރިޔަށް އޮތް އެއް އަހަރުގެ ތެރޭގައި އެމްއޭސީއެލްއަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 5.7 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެއީ ކުރިން ފާހަގަކޮށްފައިވާ އަގަށްވުރެ 28 މިލިއަން ޑޮލަރު މަދު އަދަދެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.