ލަންކާގައި ދުވާލަކު 38 މީހުން ކެންސަރު ބަލީގައި މަރުވާކަމަށް އެގައުމުގެ ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްރޮގްރާމްގެ ޑިރެކްޓަރ ޑރ. ސުރާޖު ޕެރޭރާ ވިދާޅުވެއްޖެއެވެ.
ލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯއިން ބޭއްވި ހެލްތު ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕެރޭރާ ވިދާޅުވީ ލަންކާގައި ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށެވެ. އެގައުމުގައި އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ ބަލީގެ ބަލިތަކުގައެވެ.
ޕެރޭރާ ވިދާޅުވީ ދުވާލަކު އެވްރެޖްކޮށް 38 މީހުން ކެންސަރު ބަލީގައި މަރުވާައިރު، ދުވާލަކު އެވްރެޖްކޮށް 64 މީހަކަށް ކެންސަރު ޖެހޭކަމަށް ރިޕޯޓު ލިބެމުންދާކަމަށެވެ. އަދި މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ޕެރޭރާ ވިދާޅުވިއެވެ.
ލަންކާގައި ކެންސަރު ބައްޔާއި ގުޅޭގޮތުން ހޯދިފައިވާ ރިޕޯޓުތަކުގައި މިހާރުވެސް އެގައުމުގައި ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުން އަންނަ 56,054 މީހުން ތިބިކަމަށް ކެންސާރ ކޮންޓްރޯލް ޕްރޮގްރާމުގައި ވަނީ ރަޖިސްޓްރީ ވެފައެވެ.
2018 ވަނަ އަހަރު 23,530 މީހުންނަށް ކެންސަރު ޖެހިފައިވާ އިރު އޭގެ ތެރެއިން 14,013 މީހުން ވަނީ އެބަލީގައި މަރުވެފައެވެ.
ދިރިއުޅުމުގެ ވައްޓަފާޅި އާއި އެޗްޕީވީ އަދި ހެޕަޓައިޓްސް ބީ ވެކްސިންގެ ސަބަބުންވެސް ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމަށް ޕެރޭރާ ވިދާޅުވިއެވެ. އަދި ދުވާލުގެ ކެމުގެ ތެރޭގައި 5 ބާވަތެއްގެ ތަރުކާރީ ބޭނުން ކުރުމުންވެސް ކެންސަރު ޖެހުމުން ދުރުކޮށްދޭކަމަށް ޕެރޭރާ ވިދާޅުވިއެވެ.
ރިޕޯޓުތަކުން ދައްކާގޮތުގައި ލަންކާގައި ގިނައިން ފެނިފައިވަނީ އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރުގެ އިތުރުން ތައިރޮއިޑް އަދި ފުއްޕާ މޭގެ ކެންސަރެވެ.
ޕެރޭރާ ވިދާޅުވީ އެގައުމުން ފެންނަ ކެންސަރު ބަލީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށް ޖެހިފައިވަނީ އަނގައިގެ ކެންސަރު ނުވަތަ އުރަމައްޗަށް ޖެހޭ ކެންސަރެވެ. އަދި އަންހެނުންނަށް ގިނައިން ޖެހިފައިވަނީ އުރަމަތީގެ ކެންސަރެވެ.
ކެންސަރު ޖެހޭ މީހުންގެ ތެރެއިން 3 ބައި ކުޅައެއްބައި މީހުން ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަރުވާއިން ސަލާމަތް ކުރެވިފައިވާ ކަމަށް ޕެރޭރާ ވިދާޅުވިއެވެ.