ކ. ފުށިދިއްގަރު ފަޅުގައި ޓޫރިސްޓް ޒޯނެއް ތަރައްގީ ކުރުމަށް ސިންގަޕޫރުގެ ޕްރައިމްކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފުނުކޮށް ބޭއްވި މައްސަލާގައި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ މައްސަލަ ތަހްގީގު ކުރުމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
އައްޑޫލައިވްއަށް އެނގިފައިވާ ގޮތުގައި ފުށިދިއްގަރު މައްސަލަގައި އުޝާމްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭކަން އެނގިހުރެ މައްސަލަ އިސްތިއުނާފްގެ މުއްދަތު ހަމަވަންދެން ބޭއްވި މައްސަލާގައެވެ. މި މައްސަލަ އިސްތިއުނާފު ނުކުރުމުން އެ މައްްސަލަ ވަނީ ސިންގަޕޫރުގެ ޕްރައިމްކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާބިޓްރޭޝަނަށް ހުށަހަޅާފައެވެ.
އެކުންފުނިން ވަނީ ދައުލަތާއި ދެކޮޅަށް ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޯދުމަށް ހުށަހަޅާފައެވެ.
ފުށިދިއްގަރު މައްސަލަ ދައުލަތާއި ދެކޮޅަށް ނިމިފައިވަނީ ، 2014 ޖުލައި މަހުއެވެ. އެ މައްސަލަ އިސްތިއުނާފުކޮށް ދިނުމަށް އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ސޮއިކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ނަމަވެސް މައްސަލަ އިސްތިއުނާފު ނުކޮށް މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުގައި ބާއްވައި، އިސްތިއުނާފުގެ މުއްދަތު ފާއިތުވެ ގޮސްފައިވަނީ، އޭރުގެ ނައިބު އަހުމަދު އުޝާމްގެ އެންގެވުމަށްކަންވެސް ވަނީ ކަށަވަރުވެފައެވެ.
މި ކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް އޭސީސީގެ މީޑިއާ އޮފިޝަލަށް ގުޅުނުން ވިދާޅުވީ މައްސަލައެއް ހުށަހެޅިފައި އޮތްތޯ ޗެކް ކުރެވޭނީ މާދަމާކަމަށެވެ.
ފުށިދިއްގަރު މައްސަލަ ބަންޑާރަ ނައިބުގެ ފަރާތުން އިސްތިނާފު ނުކޮށް އަދި ފުށިދިއްގަރުފަޅާއި ގުޅިގެން ދައުލަތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކޮށްގެން ޕްރައިމްކެޕިޓަލް އިންވަނީ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައެވެ. އަދި ބަދަލުގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ ފައިސާގެ އަދަދު ދެ ބިލިއަނަށް ވުރެ ބޮޑުކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ
ފުށިދިއްގަރުފަޅުގައި ސްޕެޝަލް ޓުއަރިސްޓް ޒޯނެއް ތަރައްޤީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޕްރައިމްކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް އެއްބަސްވެ އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ ރައީސް ވަހީދުގެ ވެރިކަމުގައި 18 ޖެނުއަރީ 2013 ގައެވެ.
މި އެއްބަސްވުމުގައި ހިމެނޭ މަޝްރޫ ކުރިއަށް ގެންދިއުމަށްޓަކައި ޕްރައިމްކެޕިޓަލާއި ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަންޖެހޭއިރު ދިވެހި ދައުލަތުގެ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ކުރަމުން ނުދާކަމަށްބުނެ ޕްރައިމްކެޕިޓަލް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން، އެ މައްސަލައިގައި ސިވިލް ކޯޓުން 2014 ވަނަ އަހަރުގެ ޖުލައި މަހުގައި ޙުކުމް ކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އެގްރީމެންޓުގައިވާ ގޮތުގެ މަތީން އަދާކުރުމަށް ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ފިނޭންސް، ޓޫރިޒަމް އަދި އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މައްޗަށް އަންގާ ކަމަށެވެ.
މި މައްސަލާގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް އޮތް އިރު މި މައްސަލައެއްގައި ދައުލަތުގެ ދިފާއުގައި އެއްވެސް ކަމެއް ނުކޮށް، އޭރުގެ ބަންޑާރަނައިބުގެ ނައިބުގެ މަޤާމުގައި ހުންނެވި އަދި މިހާރު ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެ މައްސަލަ އިސްތިއުނާފު ނުކޮށް ބޭއްވުމަށް އަންގާފައިވަނީ ކީއްވެކަމާމެދު ސުވާލު އުފެދެއެވެ.
ދައުލަތުގެ އިސްމަޤާމު ތަކުގައި ތިއްބަވާ ބޭބޭފުޅުންގެ އިހުމާލުން ދައުލަތުގެ މާލިއްޔަތުން އެކިއެކި ފަރާތްތަކަށް ބަދަލުދޭންޖެހުމުގެ ސަބަބުން މުޅި ގައުމަށާއި ރައްޔަތުންނަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ދައުލަތުގެ މަޤާމެއްގައި ހުންނަވާ ބޭފުޅެއްގެ އިހުމާލުން ކަމެއް ހިނގާނަމަ އެކަމުގެ ޒިންމާ އެފަރާތެއް ނަގަންޖެހޭ ގޮތަށް ޤާނޫނު އިސްލާހުކޮށްގެން ނަމަވެސް ދައުލަތުގެ ވަޒީފާގައި ތިބޭ ފަރާތްތައް ޖަވާބުދާރީ ކުރެވުމަކީ ވަރަށް މުހިންމުކަމެކެވެ.
އެގޮތަށް އެކަން ނުވެއްޖެނަމަ ގައުމުގެ ކަންކަން ހަމައިން ނެއްޓިގެންދިއުމަކީ ދުރުގައިވާ ކަމެއްނޫނެވެ. އަދި އެއްސަރުކާރުން އަނެއް ސަރުކާރުގެ ބޮލުގައި ކަންކަން އެޅުވުމުގެ ބަދަލުގައި އެކަމެއް ކުރި މީހަކާމެދު ފިޔަވަޅު އަޅަން ފަސޭހަވެގެން ދާނެއެވެ. ބަންޑާރަނައިބުގެ އޮފީހުގައި އުޝާމް ހުންނެވިއިރު މީގެ ކުރިންވެސް އެކިއެކި މައްސަލަތަކުގައި ތަފާތު ކުރުންތައް ގެންގުޅުއްވިކަމަށް އިނގިލި ދިއްކުރެއެވެ.
އެގޮތުން ބިގް ކޮމްޕެނީއަށް ދައުލަތުން ބަދަލު ދިން މައްސަލާގައިވެސް، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރަންޖެހޭއިރު އެކަން ނުކޮށް، ޕްރައިވެޓައިޒޭޝަން ބޯޑަށް ލަފާ ދެއްވާފައިވަނީ ބިގް ކޮމްޕެނީއަށް ފައިސާ ދޭންޖެހޭނެ ކަމަށެވެ. އެމައްސަލައިގަވެސް ދައުލަތުންވަނީ ބިގް ކޮމްޕެނީއަށް ހަތްދިހަ އަށް މިލިއަން ރުފިޔާގެ ބަދަލެއްވަނި ދީފައެވެ.