ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ޔޫތު އެންޑު ސްޕޯޓްސް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ އާއި ދެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޓްރާންސްޕޯޓު މިނިސްޓަރއަށް ހުތުރު އެއްޗެހި ގޮވައި މަލާމާތް ކުރާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.
މިނިސްޓަރ އަލީ ވަހީދާއި، އަޑުބަރޭ ހެލްތު މިނިސްޓަރ އަމީނު އާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އަދި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށް ފާޑު ކިޔާ ތިން އޯޑިއޯއެއް އިއްޔެ ރޭ ވަނީ ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައެވެ. އެ އޯޑިއޯގައި ވަރަށް ހަޑިހިތުރު ބަހުން މި ތިން ވަޒީރުންނަށް އަލީ ވަހީދު އެއްޗެހި ގޮވާފައިވެއެވެ.
މި ތިން އޯޑިއޯއަށް ފަހު ރޭ ލީކުކޮށްލި އޯޑިއޯގައި އަލީ ވަހީދު ފުރައްސާރަކޮށްފައިވަނީ އަނެއްކާވެސް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށާއި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދަށެވެ. މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުތުރު ބަސްތައް ވިދާޅުވެއެވެ.
މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އޭނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށާ އިތުރު ބަޔަކާއެކު އެކަން ކުރަން ވެސް ރަނގަޅުކަމަށް ބުނާ އަޑު އިވެއެވެ. އަދި ވަރަށް ހުތުރު ވާހަަކަ ތައް ދައްކައެވެ. އެއާއި އެކު އަލީ ވަހީދު އާއި އެކު ތިބި އެހެން ބަޔަކު ހީ ފުރައްސާރަ ކުރާ އަޑު އިވެއެވެ.
މި އޯޑިއޯ ތަކާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ ދައުރުވަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށެވެ. އަދި މިއީ ބަޔަކު އޭނާގެ އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކެއް ކަމަށާއި މިކަމުން އޭނާގެ ހިތްވަރެއް އަދި އަޒުމެއް ވެސް ނުގުޑާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.