Last Updated: November 23, 17:08
Saturday, November 23, 2024
ކޮލަމް

މިލިއަން ފައިސާ މަދު ބައެއްގެ ޖީބަށް!

ސަތާރަ ވަނަ ސާކް ސަމިޓަަށް ބަޖެޓް ކުރި 200 މިލިއަންގެ އިތުރުން 400 މިލިއަނަށް ވުރެ ގިނަ ފައިސާ ދައުލަތުން އެކި ގޮތްގޮތަށް ނާޖާއިޒު ގޮތެއްގައި ނަގާފައިވާކަމަށް އޯޑިޓަރ ޖެނެރަލް ހާމަ ކުރުމުން މީ ސީރިއަސް މައްސަލައެކެވެ.

ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހިތަދޫ އާރްއެފްގެ ޗަސްބިމެއް ހިއްކައިގެން ކޮންވެންޝަން ސެންޓަރެއް އެޅުމުގައި ހަރަދު ބޮޑުވާނެކަން ގަބޫލް ކުރެވެއެވެ.
އެކަމަކު އޭގެ ފަހަތުގައި ވާ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާނެގި މީހުން ކުރި ކަމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ.

ދައުލަތުގެ އިންސާނީ ވަސީލަތް، ފުލުހުންނާއި ސިފައިން ލައްވައި ބޮޑެތި މަސައްކަތްތައް ކުރުވައި އެކަމަށް ބިލްހަދައި ދައުލަތުން ބޮޑު އަދަދުން ލާރިގަނޑު ނެގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އެބަޖެހެވެ. އޯޑިޓަރ ޖެނެރަލްގެ ރިޕޯޓަކީ ސީރިއަސް ރިޕޯޓެކެވެ. އެކަމުގައި އިސްކޮށް އުޅުއްވި މަދު ބައެއްގެ ޖީބައް ރައްޔިތުންގެ ފައިސާ އަޅައިގެން ތިބި އިރު އެކަން ދޫކޮށްލެވިގެން ނުވާނެއެވެ.

ކޮންވެންޝަން ސެންޓަރާއި އެކު އައްޑޫއަށް އުމްރާނީ ކުރިއެރުން ލިބުނެވެ. ހިތަދޫ ބޮޑުމަގާއި، ކޮންވެންޝަން ސެންޓްރުގެ ވަށައިފެން ތާރު އެޅި މަގު ހެދިގެން ދިއުމުން އާއްމުންނަށް ވަރަށް ފަސޭހައެވެ. އެކަމަކީ ދައުލަތުން ކުރި ރަނގަޅު ކަންކަން މީހުން ގަބޫލް ކުރެއެވެ. 200 މިލިއަން ހަރަދު ކުރާން އޮތް ބަޖެޓުގެ ތެރެއަށް އިތުރު 400 މިލިއަނަށް ވުރެ ބޮޑު އެއްޗެއް ލައިގެން އެ ޖީބަށް އެޅުމުން ރައްޔިތުންނަށް ލިބުނީ ނިކަމެތި ކަމެވެ.

މިފަދަ ކަންކަމަކީ ޒިއްމާދާރު ކަމާއި އެކު ރައްޔިތުން ވިސްނާންވީ ކަންކަމެވެ. "ޖީބަށް އެޅޭ" ފައިސާއިން ރައްޔިތުންގެ އެތައް ބަޔަކަށް އެތައް ކަމެއް ކުރެވޭނެއެވެ. މިހާރު ފެންނަން ހުރި ތަރައްޤީއަށް ވުރެ ބޮޑެތި ކަންކަން ކުރެވޭނެ ފައިސާ ވަނީ ނަގާފައެވެ.

ރައްޔިތުން މިއަށްވުރެ ހޭލާން އެބަޖެހެއެވެ. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި މީހުން ކޮންމެ ދުވަހަކަު ކަހަލަ ގޮތަކަށް އާއްމު ގޭގެ އަށް އެބަވަދެއެވެ.
އަނެއްކާ ވެސް އިތުރު ފައިސާތަކެއް ދަމައިގަތުމަށް ތިމާ އެދޭ މީހާ ހޮވައި ދިނުމަށް ވޯޓު ހޯދުމަށެވެ. ވިސްނަންވީ ކަމަކީ މި މީހުންނަކީ ރައްޔިތުންނަށް ހެވެއް އެދިގެން އަންނަ މީހުން ނޫންކަމެވެ. ތިމާގެ ޖީބަށް ބޯ ކުރުމަށް އަންނަ މީހުން ކަމެވެ.

މިފަދަ ކަން ކަން ހައްލު ކުރެވޭނީ ހިޔާނާތްތެރި މީހުން ބޮޑެތި މަގާމުތަކުން ދުރު ކުރެވިގެންނެވެ. އެކަމަށް ބާރު އޮތީ ރައްޔިތުންގެ އަތުގަ އެވެ.