ދިވެހި ރައްޔިތުންގެ އުއްމީދާއި އެއްްގޮތަށް ވައުދުވާން ކެރޭނީ އެމްޑީޕީއަށްކަމަށް އެމްޑީޕީ ޓިކެޓުގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ގާނޫނުގައި ލިޔަންވެސް އަދި ބަދަލު ކުރަން ކެރޭނީވެސް އެމްޑީޕީއަށް ކަމަށެވެ.
"ރައްޔިތުމީހާގެ އުއްމީދަށް ވައުދުވާން ކެރެނީ އެމްޑީޕީ އަށް. ގާނޫނުގައި އެވާހަކަ ލިޔަންކެރެނީ ވެސް އެމްޑީޕީއަށް. ރައްޔިތުމީހާއެދޭގޮތައް އެބަދަލުކުރަންވެސް ކެރޭނެ ހަމައެކަނި ފިކުރަކީވެސް އެމްޑީޕީ. މިވީތަނަށް ދިވެހިންގެ ތުންފަތަށް އައި ހިނިތުންވުމުގެ އަސަރެއްވިއްޔާ އެގެނުވީ މިފިކުރުން" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު މިގޮތަށް ވިދާޅުވިއިރު ވަޒީފާ އާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން އެމްޑީޕީއަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ވަޒީފާގެ ޕްރޮބޭޝަން ތިން މަހުން ހަ މަހަށް ބަދަލު ކުރުމާއި، މެޑިކަލް ސެޓްފިކެޓު ނެތި އެއްމެ ދުވަހަކަށް ސަލާމް ނުބުނެވޭ ގޮތަށް ވަޒީފާ އާއި ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހު ހިމެނެއެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު އާއި ބިލް ހުށަހެޅުއްވި މެމްބަރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ވަނީ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.
ނަޝީދު ވިދާޅުވީ ބިލްގެ ފާސްވެގެން އަންނަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ބިލް ހުށަހެޅުއްވި މެމްބަރު އަހުމަދު އީސާ ވިދާޅުވީ މަސައްކަތް ތެރިން ބޭނުންވާ ގޮތް ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެމްޑީޕީން ބިލް ފާސް ކުރާނީ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ފަހު ކަމަށެވެ.