Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

ހައްގު މިންވަރު ނުލިބޭތާ އެތައް އަހަރެެއް، ސިޔާސަތު ބަދަލު ކުރަން ޖެހޭ: ނިޒާރު

ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް ހައްގު މިންވަރު ނުލިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، އަތޮޅު ތަރައްޤީ ކުރުމަށް ހުރި ސިޔާސަތުތައް ބަދަލު ކުރަން ޖެހޭކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ހިތަދޫ އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ 1943 ވަނަ އަހަރު ބޮޑުތިލަދުން މަތިން މާލެ އަށް ތަރައްޤީއަށް އެދި ކަންކަމަށް އެދިގެން 600 އެއްހާ ރައްޔިތުންނާއި އެކު އެތައް އުނޅަދެއްގައި ރައްޔިތުން މާލެ އައި ހާދިސާ އަކީ އެތައް ދިވެހިންނެއް ދަންނަ ހާދިސާ އެކެވެ. އަދި 1959 އިން 1963 ވަނަ އަހަރާއި ހަމައަށް ދެކުނު ތިން އަތޮޅު އެކުވެގެން ވަކި ސަރުކާރެއް އުފެއްދީ ހައްޤު ހޯދުމަށްކަމަށެވެ.

ނިޒާރު ވިދާޅުވީ ގަރުނެއްހާ ދުވަސްވެގެންދާއިރު އަދިވެސް ހާލަތަކަށް ބަދަލު އައިސްފައި ނުވުމެވެ. އަދި ރައްޔިތުން އެންމެ ހައްގު އަސާސީ މިންވަރު ހޯދުމަށް ކުރަމުންދާ މަސައްކަތް ބަދަލެއް ނެތި ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހައްލެއް ނުލިބޭ ކަމީ ޝައްކެެއް އޮތް ކަމެއް ނޫން ކަމަށެވެ.

ނިޒާރު ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ވާހަކަ ބަދަލުވާންޖެހޭ ކަމަށާއި އެ ބަދަލު ނައިސް ރައްޔިތުންނަށް ބަދަލު ނާންނާނެ ކަމަށެވެ. އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތަކީ ރާއްޖެ ބަދަލުކުރުމާއި ކަންކަން ބަދަލުކުރުމުގެ އިތުރުން މަލަމަތި ބަދަލުކުރަން ކުރާ މަސައްކަތް ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ސިޔާސީ ބޭފުޅުންގެ ވާހަކަ ބަދަލުވާންޖެހޭ. އެ ބަދަލު ނައިސް ރައްޔިތުންނަށް ބަދަލު ނާންނާނެ، އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތަކީ ރާއްޖެ ބަދަލުކުރުމާއި ކަންކަން ބަދަލުކުރުމުގެ އިތުރުން މަލަމަތި ބަދަލުކުރަން ކުރާ މަސައްކަތް"

ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ގާނޫނާއި، ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އެ ބަދަލު ނުގެނެސް ރައްޔިތުންނަށް ތަރައްޤީ ގެނެސް ނުދެވޭނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ މިއަދު ރައްޔިތުން ތަރައްޤީއަށް އެދޭ ގޮތްވެސް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެއްގަމު ތޮއްޓާއި ގަމު ތޮއްޓަށް އެދުން އެއީ ހަމައެކަނި ޑިމާންޑު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

"މީގައި ވިސްނަންޖެހޭ ކަމަކީ އަޅުގަނޑުމެން އެއްގަމު ތޮއްޓާއި ގަމު ތޮއްޓަށް ހަމައެކަނި ޑިމާންޑުކޮށްގެން ތަރައްޤީ ފެންނަން ނެތްކަން. އަޅުގަނޑުމެން އެހެން ވާހަކަތަކެއް އެހެން މޭރުމަކުން އެހެން ރާގަކަށް ދައްކަން އެބަޖެހޭ. އެހެން ނޫންނަމަ އަޅުގަނޑުމެންނަށް ތަރައްޤީއާ ދިމާލަށް ދަތުރެއް ނުކުރެވޭނެ"

ނިޒާރު ވިދާޅުވިއެވެ.