މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) އާއި ރިސޯޓު މުވައްޒަފުންނަށް ސާވިސް ޗާޖު ދޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ވަރަށް ޖޯޝާއި އެކު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ އާއި ސާވިސް ޗާޖު ދޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށެވެ.
"އެންމެ ކުޑަ އުޖޫރަ ދޭނީވެސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ސާވިސް ޗާޖުވެސް ރަނގަޅަށް ބަހާދޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ކުދިންނަކަށް ނޯޅޭ، ނޯޅޭ މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް، ކޮން އިރަކުތޯ އެބޭފުޅުން އެންމެ ކުޑަ އުޖޫރައިގެ ވާހަކަ ދެއްކީ، މިއަދު އެބޭފުޅުންގެ ޓްވިޓާ އެކައުންޓުތަކުން އެންމެ ކުޑަ އުޖޫރަ ކޮބާހޭ އަހަން ލަނދު ގަންނަން ޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރަ އާއި ސާވިސްޗާޖުގެ ވާހަކަ ރޭ ނަޝީދު ދެއްކެވި އިރު ވަޒީފާ އާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އެމްޑީޕީ އާއި ރައީސް ސޯލިހުގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
ސާވިސް ޗާޖާއި، އެންމެ ކުޑަ އުޖޫރަ އަދި އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ކުރިންދޭ 3 މަހުގެ ޕްރޮބޭޝަން 6 މަހަށް ބަދަލު ކުރުމަށް ހުށަހެޅިފައިވާ އިސްލާހާއި ގުޅިގެން ސޯޝަލް މީޑިއާގައި އެމްޑީޕީ ސަޕޯޓަރުންވެސް އަންނަނީ ފާޑު ކިޔަމުންނެވެ.
ނަޝީދު ވިދާޅުވީ ސާވިސް ޗާޖާއި ކުޑަ އުޖޫރައިގެ ކަންކަން ކުރަމުން އަންނަ ކަމަށާާއި އިދިކޮޅު ފަރާތްތަކަށް އެންމެ ކުޑަ އުޖޫރަ އާއި ސާވިސް ޗާޖަކީ ދަންނަ އެއްޗެއް ނޫން ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާއަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ. ރޭ ޖަލްސާއިން ގިނަ އަދަދެއްގެ ހުސް ގޮޑި ފެނިގެން ގޮސްފައިވާ އިރު މިއީ މިހާތަނަށް އެމްޑީޕީން ބޭއްްވި އެއްވެސް ޖަލްސާއަކުން ފެނިފައިވާ މަންޒަރެއް ނޫނެވެ.