Last Updated: November 29, 10:25
Friday, November 29, 2024
ޚަބަރު

ޓޫރިޒަމް މިނިސްޓްރީން ސީއެސްއާރް ފައިސާއަށް އިހުމާލުވެފައިވާކަން ހާމަވެއްޖެ

ޓޫރިޒަމް މިނިސްޓަރަކަށް ކުރިން ހުންނެވި މޫސާ ޒަމީރު: ފޮޓޯ / އަވަސް

ޓޫރިޒަމް މިނިސްޓްރީން ސީއެސްއާރުގެ ހަރަކާތްތަކަށް އިންވެސްޓަރުން މެދުވެރިކޮށް ކުންފުނިތަކަށް ދޭ ފައިސާއަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން
އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީ އަށް 2017 އިން 2018 އަށް ސީއެސްއާރުގެ 120.7 މިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ދެއްކުމަށް އިންވެސްޓަރުންނަށް އަންގާފައިވާއިރު 95 މިލިއަން ރުފިޔާ އެ ކުންފުނިތަކަށް ލިބިފައިވެއެވެ. އެހެންނަމަވެސް އޭގެތެރެއިން 25 މިލިއަން ރުފިޔާ ކުންފުނިތަކަށް ލިބިފައެއް ނުވެއެވެ. މިކަން ހިނގައި ދިޔައިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ މޫސާ ޒަމީރެެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޓޫރިސްޓް ރިސޯޓު، ހޮޓާ އަދި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރާ ތަންތަނުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރުމާއި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދޭން ޖެހޭ ފައިސާ ފަސް ކުރުމާ ގުޅޭ އުސޫލުގެ ދަށުން އެފަދަ ކަމަކަށް ޓޫރިޒަމް މިނިސްޓްރީ އަށް އެދިއްޖެ ނަމަ އެކަމަށް ނަގާ 15،000 ޑޮލަރާއި ސީއެސްއާރުގެ ގޮތުގައި އިންވެސްޓަރުންގެ އަތުން އިތުރަށް ނަގާ ފައިސާ ދިވެހި މުޖުތަމައުއަށް ނުވަތަ އިގްތިސާދަށް ފައިދާވާ ކަންކަމަށް ހަރަދު ކުރުމަށް ކަނޑައަޅާފައިވެއެވެ.

އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ސީއެސްއާރުގެ ގޮތުގައި ލިބޭ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް، ސަރުކާރުން ފައިސާ ބަލައިގަތުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ނިޒާމުން ބޭރުން ސީދާ އެހެން ފަރާތްތަކެއްގެ އެކައުންޓަކަށް ފައިސާ ޖަމާކުރަމުން ގޮސްފައިވެއެވެ. އެހެންކަމުން މި ފައިސާ ބޭނުންކޮށްފައި ވަނީ ހަމަހަމަ ކަމެއް ނެތި ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ސީއެސްއާރްގެ ގޮތުގައި ލިބިފައިވާ ފައިސާ ދީފައިވާ ކުންފުނިތަކުގެ ތެރޭގައި ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިބިމެޑް (ސިފްކޯ) ހިމެނެއެވެ. އެކުންފުންޏަށް 52.4 މިލިއަން ރުފިޔާ ދިން އިރު އެ ކުންފުންޏަށް ލިބުނުކަން ކަށަވަރުވީ 47.9 މިލިއަން ރުފިޔާއެވެ. ބާކީ 4.5 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޑެޓް (އެމްއައިޓީޑީސީ) އަށް 36.6 މިލިއަން ރުފިޔާ ދިން އިރު އެ ކުންފުންޏަށް ލިބުނު ކަން ކަށަވަރު ކުރެވުނީ 31.4 މިލިއަން ރުފިޔާ އެވެ. ބާކީވާ 5.2 މިލިއަން ރުފިޔާ ލިބިފައެއް ނުވެއެވެ. ޓޫރިޒަމްގެ ސީއެސްއާރު ފައިސާގެ ތެރެއިން އެމްޓީސީސީ އަށް 13.8 މިލިއަން ރުފިޔާ ދެއްކުމަށް ކަނޑައެޅި އިރު އޭގެ ތެރެއިން 13.4 މިލިއަން ރުފިޔާ ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދައުލަތުގެ މީޑިއާ ކުންފުނި ޕީއެސްއެމަށް 6.8 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން ތިން ލައްކަ ރުފިޔާ ލިބިފައިނުވާ ކަން ޕީއެސްއެމުން އަންގާފައިވެއެވެ. ސީއެސްއާރްގެ ގޮތުގައި އެސްޓީއޯއަށް ތިން ލައްކަ ރުފިޔާ ޖަމާކުރުމަށް އިންވެސްޓަރުންނަށް ޓޫރިޒަމް މިނިސްޓްރީން އެންގި ނަމަވެސް އެއްވެސް ފައިސާއެއް ޓޫރިޒަމް މިނިސްޓްރީއަކަށް ލިބިފައެއް ނުވެއެވެ.