ސަރުކާރުން ހިންގަމުން އަންނަ ކޯލިޝަން މިއަދުން މިއަދަށް އުވާލުމަށް ކަނޑިތީމު ދާއިރާގެ މެމްބަރ އަބްދުﷲ ޝަހީމް އަބްދުލްޙަކީމް ގޮވާލައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީ ބިލަށް ބަހުސްކުރައްވަމުން ޝަހީމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ވިދާޅުވީ މަސްވެރިންނާ ގުޅުންހުރި ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެބިލްގައި އެކަން ކުރާނެ އުސޫލުތަކަކާއި ހަމަތައް ލިޔުމަށް ފިޝަރީޒް މިނިސްޓްރީއަށް ޖެހޭކަމަށެވެ. އެހެންނަމަވެސް މިއަދު މަސްވެރިން ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާ ޝަހީމް ވަނީ ފިޝަރީޒް މިނިސްޓަރު އެކަންކަން ނުބަލާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްވާން އެބަޖެހޭ. ހިމާޔަތް ނުކުރެވޭ ކަމަށްވަންޏާ މިތަނަށް އައިއްސަ އެވާހަކަ އެބަ ދައްކަންޖެހޭ. މިއަދު ހަގީގަތަކީ ފިޝަރީޒް މިނިސްޓްރީ ފެއިލްވެއްޖެ. ފެއިލްވެއްޖެ. އަޅުގަނޑު ގޮވާލަން މިނިސްޓަރ އިސްތިއުފާ ދެއްވާ. ދެއްވާފައި އެމިނިސްޓްރީ ހިންގޭ ވަރުގެ މީހުން އެތަނަށް ލައިގެން ދިވެހި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދެއްވާ،" ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީމް ވިދާޅުވީ ކޯލިޝަން ސަރުކާރެއް އުފައްދައިގެން ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ނުދެވޭ ކަމަށެވެ. ކޯލިޝަން ހަދައިގެން އެ ޕާޓީތަކުގެ މެންބަރުން ތަންތަނުގެ ބޯޑުތަކަށްވެސް ލެވިދާނެ ކަމަށާއި ނަމަވެސް ނަތީޖާތައް ދައްކަނީ ފެއިލްވަމުން އަންނަ މަންޒަރު ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މިއަދުން މިއަދަށް ކޯލިޝަން އެބަ އުވާލަންޖެހޭ . ކޯލިޝަން އުވާލާފައި އެމްޑީޕީން ހެޔޮވެރިކަމެއް މިގައުމުގައި ކުރުމަށްޓަކައި މިނިސްޓްރީ ތަކުގެ ބާރު އެމްޑީޕީއަށް އެބަ އަންނަންޖެހޭ،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ކޯލިޝަން ހަދައިގެން ރައްޔިތުންނަށްވާ އެއްވެސް ފައިދާއެއް ނެތް ކަމަށާއި ކުރަމުން ދަނީ ހުސް ޖެއްސުން ކަމަށެެވެ.