މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުން ކުރަމުން ގެންދާ އިތުރު ތަހުގީގުތަކަކަށް އެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.
ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ތެރެއިން ދައުވާ އަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން ސާބިތުވުމުން އިތުރު ކަންތައްތަކަކަށް ތަހުގީގަށް ހާޒިރުވުމަށް ރައީސް ޔާމީނަށް އިއްޔެ ފުލުހުން އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަހަރު ދުވަސް ވެގެން ދިޔައިރުވެސް ކަމެއް ނުކުރެވި ފެއިލްވުމުން ރައީސް ޔާމީން ދެކެ ކޯފާވާނެ ކަމެއް ނެތް ކަމަށެވެ.
ޖަމީލް މިފަދައިން ވިދާޅުވިއިރު އިއްޔެ މާފުށި ޖަލަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޒިޔާރަތުގައި ވަނީ ރައީސް ޔާމިނާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ.