ޔުޓިލިޓީ ބިލަކީ ސަރުކާރުން ފޮނުވި ބިލެއް ކަމަށްވީ ނަމަވެސް އެ ބިލަކީ އެމްޑީޕީގެ ސިޔާސަތުތަކާއި މުޅިން ހިލާފު ބިލެއް ކަމަށް އެޕާޓީގެ ގިނަ މެންބަރުން ވިދާޅުވެ ބިލަށް ފާޑު ކިޔައިފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން، ރާއްޖޭގައި ދެމުންދާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓް ކުރާނީ އެ އޮތޯރިޓީންނެވެ. ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީ މެންބަރުން ވިދާޅުވީ އެ ބިލަކީ އެޕާޓީގެ މެނިފެސްޓޯ ނުވަތަ ސިޔާސަތުތަކާއި ހިލާފު ބިލެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ ލާމަރުކަޒީ ގޮތުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ސިޔާސަތާއިވެސް މުޅިން ފުށު އަރާ ބިލެއް ކަމަށް ވެސް އެމްޑީޕީ މެންބަރުން ވިދާޅުވިއެވެ.
ބޮންޑޭ ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެމްޑީޕީގެ މެންބަރެއް ކަމަށްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއް ގަފޫރު މޫސާ (ގަޕޯ) ވަނީ ނިޒާމީ ނުކުތާ ނަންގާ ބޮންޑޭ އަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބޮންޑޭ ވާހަކަދައްކަވަމުން ގެންދަވަނީ ބިލުގައި އޮތް އެއްޗެހި އޮޅުވާލައިގެން ކަމަށެވެ. މީގެއިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ވަނީ ބޮންޑޭ ވާހަކަދައްކަވަމުން ގެންދަވަނީ ބިލުގައި އޮތް ހުރިހާ މާއްދާތަކެއް އޮޅުވާލައިގެން ކަމަށް ވިދާޅުވެފައެވެ.
""އެ ބޭފުޅުން މުޅިން އުޅޭނީ ރައީސުލްޖުމްހޫރިއްޔާ ވެގެން، ވަޒީރަކުވެގެން، ވައި އަޅުވަންް، އިއްޒަތްތެރި ރައީސް، އެއީ އަޅުގަނޑުގެ ތޮބީއަތުގައި ހުންނަ ކަމެއް ނޫން،" ބޮންޑޭގެ ވާހަކަތައް ހުއްޓުވާ ނިޒާމީ ނުކުތާ ނެންގެވުމުން އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވާ ބޮންޑޭ ވިދާޅުވިއެވެ.
މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ ބޮޑީއެއް އުފެއްދުމަށް ވުރެ، އެކަން ކަން ލާމަރުކަޒީ ގާނޫނުގެ ތެރެއަށް ވެއްދުން މާރަނގަޅު ކަމަށާއި ކައުންސިލްތަކަކީ ރެގިއުލޭޓަރީ ބޮޑީތަކެއް ކަމަށެވެ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވެސް ތާއީދު ކުރެއްވީ ބޮންޑޭގެ ވާހަކައަށެވެ. އޭނާ ވެސް ވިދާޅުވީ ސަރަހައްދީ ބާރުވެރިކަން ސަރަހައްދުތަކަށް ދިނުމަކީ ބިލުގެ މަގުސަދު ކަމަށް ވާން ޖެހޭނެ ކަމަށެވެ.