މިހާރު މަރަދޫ "ވެމްބޮޅަފިށި" ސްޓޭޑިއަމްގައި ކުރިއަށްދާ ކުރުގާ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގައި އޯޕީއެޗް އާއި ރިއަލް މަރަދޫ ބައްދަލު ކުރި މެޗް 5-1 ލަނޑުން އޯޕީއެޗް ކާމިޔާބްކޮށްފި އެވެ.
މެޗްގައި އޯޕީއެޗްއަށް ލަނޑު ޖަހައިދިނީ އަލީ ލުޠުފީ އާއި ވާސިމް އަދި ހުސެއިން އަޒްވާން އެވެ. އަލީ ލުޠުފީ ވަނީ ދެ ގޯލް ސްކޯކޮށްފަ އެވެ.
މެޗްގައި ރިއަލް މަރަދޫގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ޝަބީން އާދަމްއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޯޕީއެޗްގެ މުހައްމަދު ހުޒާމް އެވެ.
ރޭގެ ދެވަނަ މެޗްގައި ޒިލޮޓް އާއި މާކަރީ ޔުނައިޓެޑް ބައްދަލުކުރި މެޗް ޒިލޮޓުން ގެންދިއައީ 4-1 ލަނޑުންނެވެ. މެޗްގައި ޒިލޮޓްއަށް ލަނޑުޖަހައި ދިނީ އިމްރާން އާއި އަހުމަދު ވިސާލްގެ އިތުރުން އަޒްމީލް އެވެ. ވިސާލްވަނީ ދެ ލަނޑު ޖަހައި މޮޅު ކުޅުންތެރިއާ ހޯދާފަ އެވެ.
މާކަރީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބްކޮށްދިނީ މުހައްމަދު އަލީ އެވެ. ޒިލޮޓްވަނީ ގްރޫޕް ބީގައި ކުޅުނު ހުރިހާ މެޗުން މޮޅުވެ ތާވަލްގެ އެއްވަނާގަ އެވެ.
ރޭގެ ފަހު މެޗްގައި އެފްސީ ޒެފިއާ އަދި އެފްއާރްޓީ ބައްދަލު ކުރި މެޗް ނިމުނީ 3-3 ލަނޑުން އެއްވަރުވެގެންނެވެ.
ޒެފިއާއަށް ލަނޑު ޖަހައި ދިނީ ހަސަން އިރުފާން އާއި އިބްރާހިމް ސައީދު އެވެ. އިރުފާން ވަނީ 2 ގޯލް ޖަހައި މޮޅު ކުޅުންތެރިއާ ހޯދާފަ އެވެ.
އެފްއާރްޓީއަށް ލަނޑު ޖަހައި ދިނީ މުހައްމަދު ފަޒީލް އާއި ސަޖާހް ރަޝީދުގެ އިތުރުން އަލީ އަތީކްއެވެ.
މިރޭ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މަލްޓި ޖީނިއަސް އާއި ޔަންގް ވަންސް އެވެ.
ދެވަނަ މެޗްގައި ބައްދަލު ކުރާނީ އެފްވައިސީ އާއި އެފްސީ ރެސްޕެކްޓް އެވެ. ފަހު މެޗްގައި ކުޅޭނީ ހަބޭސް އަދި ކްލަބް މަރަދޫ އެވެ.