ރާއްޖޭގައި އެކި ރަށްތަކުގައި އިސްލާމްދީާއި ހިލާފު ވޯކްޝޮޕްތަކެއް ހިންގަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށް ކުއިލިއަމް ނަމަކަށް ކިޔާ ޖަމިއްޔާއެއް އަކުން އައްޑޫ ސިޓީގައި ވޯކްޝޮޕެއް ހިންގަމުންދާ ކަމަށާއި އެ ޖަމިއްޔާއަކީ އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާފައި ވަނިކޮށެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ހިލާފު ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާތީ މިނިސްޓްރީއިން އެކަން ބަލަމުންދާ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމިނިސްޓްރީން ހާމައެއް ނުކުރެއެވެ.
އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ދައްކަމުންގެންދާ ވޯކްޝޮޕްތަކެއް ކުރިއަށްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް އެ ވާހަކަތައް އަންނަނީ ދައްކަމުންނެވެ. ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅު އަމަލުތައް ހިންގާ ފަރާތްތައް އަންނަނީ މަދުން ނަމަވެސް އުޅެމުންނެވެ. މި ފަހަކަށް އައިސް ފާޅުގައި އިސްލާމްދީނަށް ގޮންޖަމުން ބައެއް މީހުން އަންނައިރު އިސްލާމްދީނުގައި އޮންނަ އުސޫލުތަކާއި ހިލާފު ހަރުކަށި ފިކުރުގެ ގިނަ މީހުންވެސް ރާއްޖޭގައި މިހާރަކަށް އައިސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.