Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

އީރާނާއި ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން އީރާނާއި ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.

މިކަން ސަރުކާރުން ހާމަކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް މިހާރު ފެތުރިފައިވާ އިރާނާއި އަދި ދެކުނު ކޮރެޔާގެ ދެ ސަރަހައްދު ކަމަށްވާ ޑޭގޫ އަދި ޖެއޯންގޮކް އިން ރާއްޖެ އަށް މީހުން އައުން މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އަދި ކްރޫޒްލައިނާތައް ރާއްޖެ އައުންވެސް މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި މި ބަލީގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި އަދި ބަލީގެ ހާލަތު ބަދަލުވަމުންދާ ވަރަކަށް އިތުރު ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށެވެ.

އެގޮތުން މީގެކުރިން މި ބަލި ޖެހުނު މީހުން އެންމެ ގިނައިން ފެންނަމުންދަނީ ޗައިނާ އިން ކަމަށާއި ނަމަވެސް އިއްޔެ ޗައިނާ އިން ފެނުނު އަދަދަށް ވުރެ އެހެން ގައުމުތަކުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ ގިނަ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އިރާނާއި ކޮރެޔާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައިވާއިރު މީގެކުރިން ސަރުކާރުން ވަނީ ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާ ވައިރަހުގައި މިހާތަނަށް ވަނީ 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި 80،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.