ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށީ "ދަސްވާރު" ޕްރޮގްރާމު ހުއްޓާލުމަށްފަހު "ހޭވައްލާ" ނަމުގައި އަލުން ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ރޭ ރ. އުނގޫފާރު ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ޕްރޮގްރާމަކީ ދަސްވާރު ޕްރޮގްރާމާއި ވަރަށް ބޮޑަށް ތަފާތު ޕްރޮގްރާމެކެވެ. ދަސްވާރު ޕްރޮގްރާމް ހުއްޓާލީ އެ ޕްރޮގްރާމް އަމާޒުކުރެވިގެން ދިޔައީ ތައުލީމީ ގޮތުން ދަށް ދަރިވަރުންނަށް ކަމަށް ވާތީ ގިނަ ދަރިވަރުންތަކެއް ތައުލީމީ ސަފުން ބާކީވެ، އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބުނެއެވެ.
ހޭވައްލާ ޕްރޮގްރާމް އިފްތިތާހުކުރުމަށް އުނގޫރުފާރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ހުނަރު އުނގެނެން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ހޭވައްލާ ޕްރޮގްރާމުގެ ދަށުން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ކުއްޖެއްގެ ތައުލީމީ ފެންވަރަކަށް ނުބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދަސްވާރު ޕްރޮގްރާމުގައި ގިނަ ކުދިން ބައިވެރިވެ ހުނަރު ދަސްކުރަން ބޭނުންވި ކަމަށެވެ. ނަމަވެސް އެ ޕްރޮގްރާމު ނަންވެފައި އޮތީ ތައުލީމަށް ދަށް ކުދިން ބައިވެރިވާ ޕްރޮގްރާމެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ގިނަ އަދަދެއްގެ ކުދިންނަށް ހުނަރު ދަސް ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި ނުވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހުނަރު ދަސްކޮށްދިނުމަކީ ސްކޫލުގެ ނިޒާމީ ތައުލީމުގެ ބައިގެ ތެރެއިން މާއްދާއެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، "ހޭވައްލާ" ޕްރޮގްރާމް ކުރިއަށްދާނީ މަތީ ސާނަވީ މަރުހަލާގެ ކިޔެވުން ފެށުމާ ދޭތެރޭ ލިބޭ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގަ އެވެ.
ރޭ ފެށި "ހޭވައްލާ" ޕްރޮގްރާމް ރާއްޖޭގެ 20 ސްކޫލެއްގައި ކުރިއަށް ގެންދަން އެޑިއުކޭޝަނުން ވަނީ ނިންމައިފަ އެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން 250 ކުދިން ހުނަރު ދަސްކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.