މިހާރު ސަރުކާރުން އެކުލަވާލައިފައިވާ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އަދި ދ. ކުޑަހުވަދޫގައި އާ ހޮސްޕިޓަލެއް އަޅަން ނިންމަ އެ ދެ ހޮސްޕިޓަލުގެ ޕްލޭން އިފްތިތާހް ކޮށްފިއެވެ.
މާގިރި ހޮޓަލުގައި މިއަދު ބޭއްވި ހަފްލާއެއްގައި މި ޕްލޭން އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. މިހާރުވެސް ހޮސްޕިޓަލެއް ހުންނަ މި ދެ ރަށުގައި އާ ހޮސްޕިޓަލު އެޅުމާއި އެކުގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކެއް އާ ހޮސްޕިޓަލަށް ބަދަލު ކުރެވޭނެއެވެ.
ދިއްދޫ އަދި ކުޑަހުވަދޫ ހޮސްޕިޓަލު ފަރުމާ ކޮށްފައިވަނީ ޒަމާނާ އެއްގޮތަށެވެ. އެގޮތުން އެއިން ކޮންމެ ހޮސްޕިޓަލެއްގައި 55 އެނދު ހުންނާނެއެވެ. ހޮސްޕިޓަލުތައް ނިމޭއިރު ކޮންމެ ހޮސްޕިޓަލެއްގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި ހަ ޕްރައިވެޓްރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރު އަދި 12 އެނދުގެ އަށް ވޯޑު ހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑައިގްނޯސްޓިކް ހިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީއަކާއި އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް މި ދެ ހޮސްޕިޓަލުގައި ހިމެނިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ. ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތައް ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްވެސްމެއެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ހުޅުވިގެންދާނެކަމަށް ވިދާޅުވެފައެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރު ނިމިގެންދާއިރު ބޮޑު ބަދަލެއް ސިއްހީ ދާއިރާއިން ފެނިގެންދާނެ. އައިޖީއެމްއެޗަށް ބޮޑު ބަދަލުތަކެއް އައިސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ހުޅުވިގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައިޖީއެމްއެޗަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށެވެ