މާލެ ސިޓީ މިހާރު މިއޮތް ހާލަތަށް ވެއްޓި ބޮއްސުންލައިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީނަށް ދެވަނަ ދައުރަކަށް ވެރިކަން ކުރަން ފުރުސަތު ނުލިބުމުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުއިއްޒު ވަނީ ރޭ އެޕާޓީން ބޭއްވި ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާގައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިސަރުކާރުން ކަންކަން ނުވުމުގެ ޒިންމާ އަބަދުވެސް އަޅުވާ ބޮލަކީ މުއިއްޒުކަން ވެސް ފާހަގަކޮށްލެއެވެ.
މުއިއްޒު ވިދާޅުވީ، ޔާމީނަށް އިންތިޚާބު ކާމިޔާބުކުރެވުނު ނަމަ މާލޭގައި އަދިވެސް ހިނގަމުން އަންނަ ގިނަ މަޝްރޫއުތައް މިހާރު އޮންނާނީ ނިމިފައި ކަމަށެވެ. އެގޮތުން ސަލްމާން ރަސްގެފާނު މިސްކިތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓުތައް ނިމި މީހުން މިހާރު ތިބޭނީ ފްލެޓުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔާމީން ވެރިކަމުގައި ހުންނެވި ނަމަ ކުރެވޭނެ އިތުރު ކަންތައްތަކުގެ ތެރޭގައި އޭނާ ވަނީ ވިލިމާލެ ބްރިޖުގެ މަސައްކަތާއި ތާރު އެޅުމުގެ މަސައްކަތް ވެސް މިހާރު އޮންނާނީ ފެށިފައި ކަމަށެވެ.
މަގާމުގައި ހުންނެވިއިރު މުއިއްޒުއަކީ ހުޅުމާލެ ފްލެޓުތައް އޭރު ވެރިކަމުގައި އޮތް ޕީޕީއެމް މެމްބަރުންނަށް ބެއްސެވި ބޭފުޅެއް ކަމަށް ތުހުމަތު ކުރެވުނު ބޭފުޅެކެވެ. އެގޮތުން އެތައް ސަތޭކަ ބަޔަކު ވަނީ ގިނައިން ޕޮއިންޓު ލިބުނު ނަމަވެސް ފްލެޓު ނުލިބި، އެއަށްވުރެ މާ މަދުން ޕޮއިންޓު ލިބުނު މީހުނަށް ފްލެޓު ލިބުނު ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ޕްރެސް ކޮންފަރެންސެއް ބާއްވައި މުއިއްޒު ވަނީ އެކަން އެގޮތަށް ދިމާވީ "ހިއުމަން އެރާ" އެއްގެ ސަބަބުން ކަމަށާއި ފައިނަލް ލިސްޓު އާންމު ކުރާނީ އެކަންކަން ރަނގަޅު ކުރުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.