ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން ބަލިތަކުން ދަރިވަރުން ރައްކާތެރި ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަރިކިޔުލަމުން ބޭރުން ދަރިވަރުންނަށް ހިންގާ އިތުރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ. އިތުރު ހަރަކާތްތައް މެދުކަނޑާލަން ނިންމި ދެ ސަބަބަކާއި ހެދިކަން ފާހަގަކޮށް އެޑިއުކޭޝަނުން ބުނީ އިތުރު ހަރަކާތް މެދުކަނޑާލަން ނިންމި އަނެއް ސަބަބަކީ ފެތުރެމުން އަންނަ ހިމަބިހި ކޮންޓްރޯލް ކުރުން ކަމަށެވެ. އެގޮތުން ސާކިއުލާގައި ވަނީ ބައެއް ދަރިވަރުންނަށް ވެސް ހިމަބިހި ޖެހިފައިވާކަން ފާހަގަކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ލަފާގެ މަތިން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތްތައް ސްކޫލުތަކަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި ބުނެފައިވަނީ ސްކޫލުތައް ބަންދު ކުރަން ޖެހިއްޖެ ހާލެއްތައި އެކަންވެސް ކުރާނެ ކަމަށެވެ.
ސްކޫލުތަކުގައި ކުރިޔަށް ގެންދާ އިތުރު ހަރަކާތްތައް މެދުކަނޑާލަން އެޑިއުކޭޝަނުން އަންގާފައިވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 20ވަނަ ދުވަހާއި ހަމައަށެވެ. މެދުކަނޑާލަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި އަމަލީ ދަތުރުތަކާއި ސްކޫލުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި ތަފާތު އެކި ހަރަކާތްތަކުގެ ޕްރެކްޓިސްތަކާއި ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތައް އަދި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތަކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކުގައި ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ފެއާތަކާއި އަދި އެކްޓިވިޓީ ކަލެންޑަރުގައި ހިމަނާފައިވާ ހަރަކާތްތައްވެސް މެދުކަނޑާލުމަށް ވެސް އަންގާފައެވެ.