ހަލުވިކަމާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 ވައިރަސް ފެތުރެމުންދާއިރު އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުންތަކެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް "ޓައިމްސް އޮފް އިންޑިޔާ" އިން ރިޕޯޓުކޮށްފިއެވެ.
ޚާއްސަކޮށް ޔޫރަޕުގައި ވައިރަސްގެ ނުރައްކާ އިތުރުވަމުން ދާއިރު ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިވަގުތު ރާއްޖެއާއި އިންޑޮނީޝިޔާގެ ބާލީއަށް ޚާއްސަ ޑިމާންޑެއް އުފެދިފައިވާ ކަމަށެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކުން މިހާރުވެސް މަޝްހޫރުކަން ހޯދާފައިވާ ދެމަންޒިލް ކަމަށްވާ ރާއްޖެ އާއި ބާލީއަށް މިހާރު ދަތުރުކުރުމަށް ބުކިން ހަދާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.
ޚާއްސަކޮށް އިންޑިޔާ މީހުން މި ދެމަންޒިލަށް ދަތުރުކުރަން ރާވާ މިންވަރު އިތުރުކަން ޓައިމްސް އިން ފާހަގަކޮށްފައިވެއެވެ.
ވައިރަސް އާ ގުޅިގެން ސިއްހަތާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއިން ވަނީ އެއްވެސް ގައުމަކުން މިވައިރަސް ލުއިކޮށް ނުނެގުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ގައުމަކުން ވައިރަސް ނާންނާނެ ކަމަށް ބަލައިގެން ސަލާމަތީ ފިޔަވަޅު ނާޅާ ނުތިބުމަށް ޑަބްލިއުއެޗްއޯ އިން ގޮވާލާފައިވެއެވެ.
ރާއްޖެއިން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާ ފަތުރުވެރިން އައުން މަނާ ކޮށްފައެވެ. އަދި ކްރޫޒްލައިނާތައް ވެސް މިހާރު ރާއްޖެއަށް އައުން ސަރުކާރުން އޮތީ މަނާ ކޮށްފައެވެ.
ނަމަވެސް ޔޫރަޕުގެ ބައެއް ގައުމުތަކާއި މެދުއިރުމަތިން އިރާން ގައި ވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު އެފަދަ ގައުމުތަކުން ވެސް ފަތުރުވެރިން ރާއްޖެ ނުގެނައުމަށް ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.