ރާއްޖޭގެ ބައެއް ރަށްރަށުގައި ބޭއްވި ވޯކް ޝޮޕްތަކެއްގައި ދީނާ ހިލާފު ސެޝަންތަކެއް ނަގައިދިން މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލައެއް އެޖެންޑާކޮށް ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ރިޔާސަތުން މައްސަލަ ހުށަހެޅުއްވި މެންބަރަށް ފުރުސަތު ދިނުމުގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މެންބަރު ނަޝީދުގެ ކުއްލި މައްސަލައިގެ ކަރުދާސް ކިޔުއްވުމުން އެއީ ކުއްލި މައްސަލައެއް ގޮތުގައި އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ގަވާއިދު ވެސް އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން ޖާގަ ނުދޭ ކަމަށެވެ. އާޒިމް އެގޮތަށް ވިދާޅުވުމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް އާޒިމްގެ އެ ވާހަކައަށް ތާއީދު ކުރައްވާ ވާހަކަދެއްކެވިއެވެ.
އެ ހުރިހާ ވާހަކައެއް ދެއްކެވިއިރުވެސް ހުށަހެޅިފައި ވަނީ ކޮން މައްސަލައެއް ކަމެއް މެންބަރު އާޒިމް ވެސް އަދި މެންބަރު ހުސައިން ޝަމީމްވެސް ވިދާޅެއް ނުވެއެވެ. އެ ދެ ބޭފުޅުންގެ ވާހަކައަށް ޖަވާބު ދެއްވުމުގެ ގޮތުން ވާހަކަދެއްކެވި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ހުށަހެޅިފައިވާ ކުއްލި މައްސަލައަކީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެއެވެ. ނަޝީދު ވިދާޅުވީ ކުއްލި މައްސަލައަށް މެންބަރަކު އިއުތިރާޒު ކުރުމުން މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯއްދަވަން ޖެހޭ ކަމަށެވެ.
ނަޝީދު އެވާހަކަތައްފަހު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. ޝިޔާމް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކީ މަޖިލިހުން ބަލައިގަނެ މެންބަރުން ބަހުސް ކުރައްވަން ޖެހޭ ކުއްލި މައްސަލައެއް ކަމަށެވެ. އެއަށްފަހު ހުށަހެޅިފައި ވަނީ ކޮން މައްސަލައެއްކަން މަޖިލީހުގެ ތަޅުމަށް ޝިޔާމް ހިއްސާ ކުރެއްވިއެވެ. އެ މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނީ ފިކުރު ފަތުރަން ބަޔަކު ވޯކްޝޮޕްތަކެއް ބާއްވައި އެ ކަމަށް މަސައްކަތް ކުރުމުން ސަރުކާރުން މިހާތަނަށް ވެސް ފިޔަވަޅު އަޅާފައި ނުވާތީ ހުށަހެޅި މައްސަލައެކެވެ. އެއީ ސަރުކާރުގެ ސަމާލު ކަމަށް ގެނަން ޖެހޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމްގެ ވާހަކައަށް ފަހުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ލަފާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލަފާ ދެއްވީ އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމެއް ކަމަށެވެ. އެއީ ކުއްލި މައްސަލައެއް ގޮތުގައި ބެލެން އޮތް މައްސަލައެއް ނޫން ކަމަށެވެ.
ހދ. ހަނިމާދޫގައި ބޭއްވި ވޯކްޝޮޕެއްގައި ދިނާ ހިލާފު ސެޝަންތަކެއް ނެގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދައްކަން ފެށުމުން އިސްލާމިކް މިނިސްޓްރީން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ.