އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން އެކުލަވާލި ރިޕޯޓާ ގުޅިގެން އެ ބޯޑު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރު ކުރުމަށް ކޮމިޓީން ފާސްކޮށްފިއެވެ.
އިގްތިސޯދީ ކޮމެޓީން ވަނީ މަޖިލީހުގެ ލަފަޔަކަށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެދުމުން އެންމެ ކުޑަ އުޖޫރަ ރިޕޯޓު ދިރާސާ ކުރަމުންނެވެ. މި މަސައްކަތް ކޮމެޓީން ފެށީ އިއްޔެއެވެ. އެގޮތުން މިއަދުވެސް ވަނީ މި ކޮމެޓީގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ކޮމެޓީއަށް ތިން ހުށަހެޅުމަށް ހުށަހެޅިއެވެ.
އެގޮތުން ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުޢުނީ ހުށަހެޅުއްވީ ރިޕޯޓާ ގުޅިގެން އެކި ސިނާއަތްތަކުގެ ބޭފުޅުންނާ ބައްދަލުކުރަމަށެވެ. ދެވަނަ ހުށަހެޅުއްގެ ގޮތުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވި، ވީހާ ވެސް އަވަހަކަށް މިނިމަމް ވޭޖް ބޯޑާ ބައްދަލު ކުރަމަށެވެ. އަދި އިތުރު ބަޔަކާ ބައްދަލު ކުރާނަމަ އެއަށް ފަހު އެކަމާ މެދު ގޮތެއް ނިންމުމަށެވެ. ފަހު ހުށަހެޅުއްމެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު މުހައްމަދު ޝިޔާމް ހުށަހެއްޅުއްވީ، މިނިމަމް ވޭޖުގެ ގޮތުގައި 10،000 ރުފިޔާ ކަނޑައެޅުމަށެވެ. ނަމަވެސް ފާސްވީ މިނިމަމް ވޭޖު ބޯޑު ކޮމެޓީއަށް ގެނައުމަށެވެ.
އެންމެ ކުޑަ އުޖޫރައާ ގުޅިގެން މާދަމާ ރޭ މަޖިލީހުގައި އާއްމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއްވެސް ކުރިޔަށް ދާނެއެވެ. އެންމެ ކުޑަ އުޖޫރައާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓާ މެދު މި މަހުގެ 11 ގެ ކުރިން ގޮތެއް ނިންމަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އިއްޔެ ވަނީ ނިންމާފައެވެ. ކޮމިޓީން އެ ރިޕޯޓާ މެދު ގޮތެއް ނިންމުމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެކަމާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.
މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.
ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު އިކޮނޮމިކް މިނިސްޓްރީން އަދި ހާމަކޮށްފައިނުވާއިރު މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.