ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެއްވެސް ފަރާތަކުން އެދިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަނުން މިހެން ބުނެފައި މިވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވަނީ އެމްޑީޕީން އިންތިހާބު ލަސް ކުރުމަށް އެދިފައިވާ ކަމަށް ދޭހަވާ މޭރުމަކުން ޓްވީޓެއް ކުރައްވާފައިވާތީއެވެ. ޝިޔާމް ޓްވީޓް ކުރައްވާ ވިދާޅުވީ އިންތިހާބު ފަސް ކުރުމަށް އެމްޑީޕީއިން އިލެކްޝަން ކޮމިޝަންގައި އެދޭނެކަން އޭނާއަށް މާކުރިން ވެސް އެނގޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އެއްވެސް ޕާޓީއަކުން އަދި އެއްވެސް ފަރާތަކުން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށާއި ކޮމިޝަނުންވެސް އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލު ކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިލެކްޝަނުން ބުނެފައިވަނީ އެ އިންތިހާބުގައި 2400އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށެވެ. ނަމަވެސް އިންތިހާބަށް ބޯމަތިވެފައިވާއިރު އެ ކޮމިޝަނަށް އެންމެ ދަތި ކަމަކަށް ވެފައިވަނީ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމެވެ. އެ މަސައްކަތް ކުރުމުގެ ގޮތުން އޮފިޝަލު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތައް މުއްދަތުވެސް އިލެކްޝަނުން ވަނީ އިތުރު ކޮށްދީފައެވެ.