ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ނަން ރިޔާސަތުން އިއްވައި މަޖިލީހުގެ ތަޅުމުން އޭނާ ބޭރުވުމަށް އަންގައިފިއެވެ.
މިއަދު މަޖިލިސް ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގެންދެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ނަމަވެސް ސައީދުގެ ވާހަކަތައް ހުންނެވީ މިއަދު ހުށަހެޅުނު ކޮވިޑް-19 ގެ މައްސަލައާ ގުޅޭ ގޮތުންނެވެ. އެހެންކަމުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ނިޒާމީ ނުކުތާ ނަންގަވާ މައުލޫއާ ނުގުޅޭ ވާހަކަ ދައްކާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭގެ ފަހުން ވެސް ސައީދު ކޮރޯނާ ވައިރަސްގެ ވާހަކަ ދެއްކެވުމުން ދެވަނަ ފަހަރަށް ނިޒާމީ ނުކުތާއެއް ނަންގަވައި ވައްޑެ އެކަން ފާހަގަ ކުރެއްވިއެވެ.
ދެވަނަ ފަހަރަށް ވައްޑެ އެކަން ފާހަގަކުރެއްވުމުން މެންބަރު މޮސްޓާ ނިޒާމީ ނުކުތާ ނެންގެވިއެވެ. އަދި ވިދާޅުވީ އިދިކޮޅު މެންބަރުން ދައްކާ ވާހަކަތައްވެސް ސަރުކާރު މެންބަރުންނަށް ހަޖަމު ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ހަޖަމު ނުވެގެން ނަގާ ނިޒާމީ ނުކުތާތަކަށް ރިޔާސަތުން ފުރުސަތު ދީގެން ނުވާނެ ކަމަށް މޮސްޓާ ވިދާޅުވިއެވެ.
މެންބަރު މޮސްޓާގެ ނިޒާމީ ނުކުތާ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބަލައެއް ނުގެންނެވި އެވެ. އަދި މާވަށު ދާއިރާގެ މެންބަރު ސައީދުގެ ވާހަކަ ކުރިއަށް ގެންދަވަން ފުރުސަތު ދެއްވިއެވެ. ނަމަވެސް އަނެއްކާވެސް ދެވަނަ ފަހަރަށް ނިޒާމީ ނުކުތާއެއް ނެންގެވުމަށް މޮސްޓާ ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ފުރުސަތު ރިޔާސަތުން ނުދެއްވުމުން އޭނާ ދިޔައީ އަޑުގަދަ ކުރައްވަމުންނެވެ. އެހިސާބުން ބަހުސް ކުރައްވަމުން ގެންދެވި މާވަށު ދާއިރާގެ މެންބަރު ސައީދަށް ވާހަކަ ކުރިޔަށް ގެންދަވަން ދަަތިވެ ވާހަކަ ދެއްކުން ހުއްޓާލެއްވިއެވެ.
މަޖިލީހުގެ ނައިބު ރައީސް ވަނީ މަޖިލީހުގެ ގަވާއިދަަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މޮސްޓާއަށް އެންގެވިއެވެ. ނަމަވެސް އޭނާ އަޑުގަދަ ކުރުން ހުއްޓައެއް ނުލިއެވެ. އެހެންކަމުން ރިޔާސަތުން އޭނާގެ ނަން އިއްވިއެވެ. އެހިސާބުން މަޖިލިސް ތަޅުން ދޫކުރައްވާ އޭނާ ނިކުމެވަޑައިގަތެވެ.