މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އަބަދުވެސް ދައްކާ ވާހަކައެއް އޮވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަަންކަން އޮޅުވާލާ ވާހަކައެވެ. ރައްޔިތުންނަށް ކަންކަން ސިއްރު ކުރާ ވާހަކައެވެ. ކަމުގެ ހަގީގަތް ފޮރުވުމަށް ފަހު ރައްޔިތުންނަށް އެހެން މަންޒަރެއް ދައްކާ ވާހަކައެވެ. ނަމަވެސް މިއަދު އިއްތިފާގުން އޭރު އިދިކޮޅުގައި ތިބި މީހުން ވެރިކަމަށް އައިސް އަޑުއަހަން މިޖެހެނީ އޭރު މިބޭފުޅުން އިދިކޮޅުގައި ތިބެ ދެއްކިހާ ވާހަކަތަކެވެ. ވެރިކަމަށް އާދެވުމުން އޭރު ސަރުކާރުގެ ތެރޭގައި ހިނގާދިޔަ ކަންކަން ކުރިން ސަރުކާރުން ވެސް ކުރީ އިތުރު ގޮތެއް ނެތިގެންކަން މިއަދު ހުދު މިބޭފުޅުންނަށް ވެސް އެނގޭނެއެވެ. މިއަދު އިދިކޮޅު ފަރާތްތަކުން ނަގަމުން އެ ދަނީ އެކަމުގެ ފައިދާތައްކަން ވެސް މިބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ކޮންމެއަކަސް ސަރުކާރަށް އަހަރެއްވެ ބޮޑު ސިންގާ ބަޖެޓާއި އެކުގައި ސަރުކާރުން 2020ވަނަ އަހަރާއި ކުރިމަތިލީ ވަރަށް ވެސް ފޮނި އުއްމީދެއްގައެވެ. ނަމަވެސް ތަގްދީރު ނިޔާކުރީ ސަރުކާރުން ކުރި އުއްމީދުތަކާއި ދިމާ އިދިކޮޅަށެވެ. މުޅި ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް އައިސް މުޅި ދުނިޔޭގެ އިގްތިސޯދު ދޮވެލަން ފަށައިފިއެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ރާއްޖެ ފަދަ އާބާދީ މަދު ގައުމުތައް ހިމެނެއެވެ. ކޮވިޑް-19 ފުރަތަމަ ޗައިނާއިން ފެނުމުންވެސް ސަރުކާރުން އެއީ މާބޮޑު ކަމަކަށް ނުހަދާ ތިބީއެވެ. އެއީ ދެތިން ހަފްތާއެއްގެ ކަމެއް ކަމަށް ހީކޮށް އަތް އުރާލައިގެން ތިއްބާ ނޫސްތަކުގެ ސުރުހީތަކަށް އެބަލީގެ ނުރައްކަލުގެ ވާހަކައާ އެބައްޔަކީ ކިހާ ވަރެއްގެ ބައްޔެއްކަން އެނގިއްޖެއެވެ. ސަރުކާރު ހޭ އެރީ މިހާ ހިސާބުންނެވެ.
ބައެއް ގައުމުތަކުން އެ ބަލި އެންމެ ބޮޑަށް ފެތެރެން ފެށި ޗައިނާގެ ފަތުރުވެރިން އައުން މަނާކުރިއެވެ. އަދި އެބަލި ކިރިޔާވެސް ފެތުރެން ފެށި އިތުރު އެހެން ގައުމުތަކުންވެސް މީހުން ވަނުން މަނާކޮށް އެ ގައުމުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކުރިއެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން ބުނަމުން ދިޔައީ އެކަމުގައި ރާއްޖެއަށް އަދި ނުރައްކަލެއް ނެތް ކަމަށާއި އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކޮށް ފިޔަވަޅުތައް އަޅަން ފެށި ވާހަކައެވެ. ކަރަންޓީން ފެސިލިޓީތައް ވެސް ގާއިމް ކުރަމުންދާ ކަމަށްވެސް ބުނަމުން ދިޔައެވެ.
ނަމަވެސް ނޫސްވެރިން މަޑުން ނުތިބެ ސަރުކާރަށް ފާޑު ކިޔަން ފެށި ހިސާބުން ބައެއް އެބަލި އޭރު އެންމެ ބޮޑަށް ފެތުރެން ފެށި ގައުމު އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މައި ގައުމު ޗައިނާއިން މީހުން އެތެރެވުން ވަގުތީ ގޮތުން މަނާ ކުރިއެވެ. އެތައް ހާސް ބުކިންއެއް ކެންސަލް ވަމުންދާކަން އިއުލާންކުރިއެވެ. އިގްތިސޯދަށް އަސަރުކުރާނީ ކިހާ މިންވަރަކަށްތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ބުނަމުން ދިޔައީ އެކަމުގައި ސަރުކާރުން އަރައިގަންނާނެ ގޮތްތައް ހޯދާނެ ވާހަކައެވެ. އެހާ ހިސާބުން މަދު މަދުން މީހުން ކަރަންޓީނު ކުރަން ވެސް ފެށިއެވެ. ނަމަވެސް ﷲގެ ރަހުމަތާއި އެކުގައި ރާއްޖެއިން ކަރަންޓީނު ކުރި އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވްއެއް ނުވެއެވެ.
މަޑުމަޑުން ކޮވިޑް-19ގެ ވާހަކަތައް ސަރުކާރުގެ ތެރެއިން ވަޅު ޖެހެން ފެށިއެވެ. ނަމަވެސް އެ ބަލި އެންމެ ފުރަތަމަ ފެނުނު ގައުމާއި އެ ގައުމުގެ މީހުން އާއްމު ގޮތެއްގައި ދަތުރު ނުކުރާ އެތައް ގައުމުތަކެއްގައި ކުއްލިއަކަށް މި ބަލި ފެތުރެން ފެށުމުން އަނެއްކާވެސް ދިވެހި ސަރުކާރުން ހޭ އަރައިފިއެވެ. އެއާއެކުގައި ރާއްޖެއިންވެސް އެ ބައްޔަށް މީހުން ޕޮޒިޓިވް ވެފައިވާ ކަމުގެ އަޑުތަކެއް އަރަން ފެށިއެވެ. ނަމަވެސް ސަރުކާރުން އެކަން އަންނަނީ އަދިވެސް ދޮގު ކުރަމުންނެވެ. ބުނަމުން ދަނީ އެ ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވާ ކަމަށެވެ.
ޕޮޒިޓިވް މީހަކު ފެނުނަސް ހާމަ ނުކޮށް ހުރެދާނެތަ؟
މިއީ އެންމެ ބޮޑު އެއް ސުވާލެވެ. ރާއްޖެއިން މީހަކު ޕޮޒިޓިވްވި ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ނުދީ ނުވަތަ ރައްޔިތުންނަށް އެކަން ހާމަނުކޮށް ހުރެދާނެ ހެއްޔެވެ. އެހެންވެއްޖެ ނަމަ އެއީ ކީއްވެގެން ހެއްޔެވެ. ސުވާލުގެ ޖަވާބު ވިސްނާލައިފި އެންމެނަށްވެސް އެނގޭނެއެވެ މުޅި ރާއްޖެ ބަރޯސާވެފައި މިވަނީ ފަތުރުވެރިކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖެއަށް އާމްދަނީ ވައްދައި ދޭ މައި ތަނބެވެ. އެ ތަނބު ފުނޑިއްޖެ ނަމަ ރާއްޖެއަށް އާމްދަނީ ވައްދާނީ ކިހިނެއް ހެއްޔެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭނީ ކިހިނެއް ހެއްޔެވެ.
މިިދިޔަ މަހުގެ އާމްދަނީއާ ހަރަދުގެ ރިޕޯޓަށް ބަލާލާއިރު ކޮވިޑް-19 އާ ގުޅިގެން ދިވެހި ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. މި އަހަރުގެ ޖެނުއަރީ މަހު ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ޖެނުއަރީ މަހުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާ ބަލާއިރު، 3 މިލިއަން ރުފިޔާ އަދި 15 އިންސައްތަ ދަށް އަދަދެކެވެ. ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 567.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ވިޔަފާރީގެ ފައިދާ އިން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 763.7 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށް ބަލައިރު 196.4 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 302.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު ލިބުނީ 287.5 މިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް 14.6 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވިތު ހޯލްޑިން ޓެކުހުން 86.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ލިބުނީ 77.7 މިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް 9.2 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މިދިޔަ މަހުގެ އާމްދަނީ އާއި ހަރަދުގެ ރިޕޯޓުގައި ޖެނުއަރީ މަހު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ މި އަދަދު 1.9 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އިގްތިސޯދު ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އަދި އެކަމުގެ އަސަރު ސީދާ ގޮތުން ރާއްޖޭގެ ތަރައްގީއަށް ވެސް އަސަރުތައް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މަޝްރޫއުތައް ވަރަށް ބޮޑަށް މަޑުޖެހޭނެ. ދެން މިކަމުން އަރައިގަންނަން އަނެއްކާވެސް އަޅުގަނޑުމެން ޖެހޭނީ ލޯނު ނަގައިގެން ދަރަނިވެރިވާން. މިއީ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ޗެލެންޖެއް. ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުން މިހާރުން މިހާރަށް ފިޔަވަޅުތައް އެ ދަނީ އަޅަމުން. އެހެންވީމަ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ގައުމަށް ކިހާ އަސަރެއް ކުރާނެތޯ މިކަމުގައި،" އޮފިޝަލް ވިދާޅުވިއެވެ.
މިއީ މި ހާލަތުގައި ސަރުކާރަށް ވެސް ކުރަން އުނދަގުވާނެ ކަމެކެވެ. ރާއްޖެއިން ވައިރަސް ޖެހުނު މީހަކު ފެނިއްޖެ ކަމަށް އިއުލާން ކުރުމާއި އެކުގައި މުޅި ރާއްޖޭގެ އިގްތިސޯދު "ފުނޑޭނެ" ހިސާބަށް ހިނގައިދާނެއެވެ. އެ ހިސާބުން ރާއްޖެއަށް މިހާރު އަންނަ ވަރަށްވެސް ފަތުރުވެރިން ނައިސް އާމްދަނީ ލިބޭނެ މަގުތައް އެއްކޮށް ބަންދުވާނެއެވެ. އެހެންނަމަވެސް ސަރުކާރުން މިވަރުގެ ކަމެއް ސިއްރު ނުކުރާނެ ކަމަށް ރައްޔިތުންވެސް ހީކުރާނެއެވެ. އާމްދަނީއަށްވުރެ ރައްޔިތުންގެ ފުރާނަ ރައްޔިތުންގެ ސިއްހަތު މާ ބޮޑަށްވެސް މުހިއްމު ވާނެއެވެ. އެންމެ ބުއްދި ވެރި ގޮތަކީ ލޯމަރާލާފައިވިއަސް ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ކޮށްދޭށެވެ.