ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހިންގި ހަމަނުޖެހުމެއްގައި ތިން ޖަލު އޮފިސަރުންނަށް އެކި ވަރުގެ އަނިޔާ ލިބިއްޖެއެވެ.
ކަރެކްޝަންސް އިން ކުރި ޓުވީޓެއްގައި ބުނީ، ހަމަނުޖެހުން ހިންގީ ގައިދީއަކު ޖަލުގައި ގެންގުޅުން މަނާއެއްޗެއް ގެންގުޅޭކަން ފާހަގަ ކުރެވިގެން ޖަލު އޮފިސަރުން އޭތި ނަގަން މަސައްކަތް ކުރުމުން ކަމަށެވެ. ކަރެކްޝަންސްއިން ބުނީ އެ ހަމަނުޖެހުން ހިނގީ އެހެން ގައިދީންތަކެއް ވެސް ބައިވެރިވެގެން ކަމަށެވެ.
މި ހަމަނުޖެހުމުގައި ޖަލު އޮފިސަރުންނަށް އަނިޔާވި ނަމަވެސް އެއްވެސް ގައިދީއަކަށް މި ހަމަނުޖެހުމުގައި އަނިޔާއެއް ނުވެއެވެ. ކަރެކްޝަންސް އިން ބުނީ ލަސްތަކެއް ނުވެ ހަމަނުޖެހުން ކޮންޓްރޯލްކޮށް ޖަލު އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.
ކަރެކްޝަންސް އިން ދަނީ އެ ހަމަނުޖެހުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.