ކޮވިޑް19 އަށް ޝައްކު ކުރެވޭތީ ފްރާންސްގެ ދެ ފަތުރުވެރިޔަކު އެކަހެރި ކުރުމުގެ މަސައްކަޔް ކުރަމުން ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު #ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން މިވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ސަރުކާރުން ވަނީ ކުރެއްދޫ ރިސޯޓާއި ވ. ތިނަދޫއަށް ވެސް މީހުން އަރާ ފޭބުން މަނާ ކޮށްފައެވެ. އެއީ އެ ރަށްތަކުންވެސް ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނުމުންނެވެ.
މީގެއިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިރޭ މެންދަމު 12:00 އިން ފެށިގެން އިޓަލީން ރާއްޖެ އަށް މީހުން އައުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، މިވަގުތު ދިވެހިންގެ ސިއްހަތު މުހިންމު ކަމަށް ފެންނާތީ ކަމަށް އަލީ ވިދާޅުވިއެވެ.
އިޓަލީ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ގައުމެވެ. އެގޮތުން އިޓަލީން 4،636 މީހުންނަށް މި ބަލި ޖެހިފައިވާއިރު 197 މީހަކު ވަނީ މަރުވެފައެވެ.
ސަރުކާރުން މީގެކުރިން ވަނީ އިރާނާއި ދެކުނު ކޮރެޔާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކުރުމާއި، ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ.