ކޮވިޑް19 އާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ނިންމާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަނުން މިހެން ބުނެފައިވާއިރު ކޮވިޑް19 އާ ގުޅިގެން އިންތިހާބުވެސް ފަސްކުރަން ޖެހިއްޖެ ނަމަ ފަސްކުރާނެ ކަމަށް ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެކުލަވާލި ޓާސްކް ފޯސްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށާއި އަދި އެއްވެސް ސިޔާސީ ޕާޓީއަކުންވެސް އެކަމަށް އެދިފައި ނުވާ ކަމަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އިންތިހާބު ފަސްކުރުމާމެދު ނިންމުމެއް މިވަގުތު ނެގިފައިނުވާ ކަމަށާއި ނަމަވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކު ރާއްޖެއިން ފެނިއްޖެނަމަ ހާލަތު ބަދަލުވާނެ ކަމަށެވެ.
އެ ހާލަތުގައި އާންމުންގެ އެއްވެ، ޖަލްސާތައް ބާއްވާ، މިހާރު ޗުއްޓީއަށްދިޔަ ސްކޫލްތައް ދެން ހުޅުވާނީ ކޮން ދުވަހެއްގައިތޯ ނިންމާނީ ވައިރަހަށް ޝައްކު ކުރެވޭ މީހުންގެ ޓެސްޓުތަކުގެ ނަތީޖާއާއެކު ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"ޔަގީންކަން ދެން އާންމުންގެ ސިއްހަތަށް ކޮމްޕްރައިމައިޒް ވާނެ އެއްވެސް ނިންމުމެއް، އެއީ އިންތިހާބު ފަސްކުރަން ޖެހިއްޖެއްޔާ އިންތިހާބު ފަސްވެސް ކުރާނެ. އެހެން ނަމަވެސް އެ ނިންމުން އަންނާނީ ހާލަތާ އެއްކޮށް" އަލީ ވަހީދު ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމަށްވާއިރު، އިންތިހާބަށް ކެމްޕޭން ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީތަކުން އަންނަނީ ހަރަކާތްތައް ބާއްވަމުންނެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން އަންނަނީ ކޮރޯނާވައިރަސް ފެތުރިދާނެ ހާލަތަކަށް ބަލައި ސިޔާސީ ޕާޓީތަކުގެ ކެމްޕޭންތަކާއި އެއްވުންތައް ވެސް މަޑުޖައްސާލަން އިލްތިމާސްކުރަމުންނެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ވިސްނުން އިލެކްޝަންސް ކޮމިޝަނުން ގެންގުޅުން ރަނގަޅު ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިހާތަނަށް ރާއްޖެ އިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިނުވާއިރު، މި ބައްޔަށް ޝައްކު ކުރެވިގެން ހަ މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ.