ކޮވިޑް19 އާއި ގުޅިގެން ސަމާ އައިލެންޑް ރިސޯޓުގެ ޑޮކްޓަރަކުވެސް އެކަހެރިކޮށްފިއެވެ. އެ ރިސޯޓުން މިއަދު ވަނީ ފަރަންސޭސި ވިލާތުގެ ދެ ފަތުވެރިއަކުވެސް އެކަހެރިކޮށްފައެވެ.
ސަމާ އައިލެންޑުން ނެރުނު ބަޔާނެއްގައި ބުނީ ދެ ޓޫރިސްޓުންގެ އިތުރުން އެ ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ފަރާތުން ވެސް ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އަދި އެ ޑޮކްޓަރަކީ އުމުރުން 33 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށާއި އޭނާއަކީ ކޮވިޑް އަށް ޝައްކު ކުރެވޭ ފްރާންސްގެ ދެ ފަތުރުވެރިން ބަލިވެގެން މި މަހުގެ ފަސްވަނަ ދުވަހު ބެލި ޑޮކްޓަރެއް ކަމަށްވެސް އެ ރިސޯޓުން ބުންޏެވެ.
ފަރެންސޭސިވިލާތުގެ ދެ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގައި ކަމަށް ސަމާ އައިލެންޑުން ބުންޏެވެ. އަދި އެ ދެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރިސޯޓަށް ދަތުރުކޮށްފައި ވަނީ ލޯންޗުގައި ކަމަށާއި، އިތުރު އެހެން ތަނަކަށް ގޮސްފައި ނުވާކަމަށް ރިސޯޓުން ބުނެއެވެ.
ދެ ފަތުރުވެރިން މި މަހު ޑޮކްޓަރަށް ދެއްކުމުން އެކަން އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި އަދި ދެ ފަތުރުވެރިން އެމީހުންގެ ކޮޓަރީގައި ކަރަންޓީނު ކުރި ކަމަށް ސަމާ އައިލެންޑުން ބުންޏެވެ. ސަމާ އައިލެންޑުން ބުނީ ޖެހިގެން އައި ދުވަހު ދެ ފަތުރުވެރިން ބެލި ޑޮކްޓަރު ވެސް ކެއްސާ ނޭވާލާން އުނދަގޫވާކަމަށް ރިޕޯޓުކުރުމުން އެކަން އެޗްޕީއޭއަށް އަންގައި، ޑޮކްޓަރުވެސް އޭނާގެ ކޮޓަރީގައި ކަރަންޓީނުކުރި ކަމަށެވެ.
ސަމާ އައިލެންޑް ރިސޯޓުން ބުނީ މިއަދު ހެނދުނު އެޗްޕީއޭގެ އޮފިޝަލުން އެ ރިސޯޓަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ފަތުރުވެރިންނާއި ޑޮކްޓަރު ވެސް ކަރަންޓީން ފެސިލިޓީއަށް ގެންގޮސް ކޮވިޑް19 އަށް ޓެސްޓުކުރާނެ ކަމަށެވެ.
މީގެ އިތުރުން ވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ އެހެން ތިން މުވައްޒަފުން ވެސް ކުޑަކޮށް ކެއްސާތީ، އެޗްޕީއޭގެ ލަފަޔާއެކު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެމީހުން ވެސް ކޮޓަރީގައި ކަރަންޓީނު ކޮށްފައިވާ ކަމަށް ރިސޯޓުން ބުނެއެވެ.
އެޗްޕީއޭއިން ވަނީ އެ ރިސޯޓަށްވެސް މީހުން އަރާ ފޭބުން މަނާ ކޮށްފައެވެ.