Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ކޮވިޑް19: ޖޭޕީގެ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޕެރެޑައިސް އައިލެންޑު ރިސޯޓު: ޖޫން 22، 2018- ޖުމްހޫރީ ޕާޓީގެ ތިންވަނަ ކޮންގްރެސްގައި އެޕާޓީގެ 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާ އިރު މި ކޮންގްރެސްގައި، އެ ޕާޓީގެ ކުރިމަގާ ގުޅޭ މުހިންމު ގިނަ ކަންތައްތަކެއް ވަނީ ފާސްކޮށްފައި، އޭގެ ތެރޭގައި ޕާޓީގެ އިސް މަގާމުތަކާއި ރިޔާސީ ކެންޑިޑޭޓު ހޮވާ އުސޫލުވަނީ ފާސްކޮށްފައި، ފޮޓޯ، ވީމީ

ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް19 ގެ ސަބަބުން އަންނަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ބޮޑު ޖަލްސާ ފަސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވާފައިވާ ކަމަށެވެ. އެޕާޓީން ބުނީ ރާއްޖެ އައި ބައެއް ފަތުރުވެރިން އެނބުރި އެމީހުންގެ ގައުމަށް ދިޔަ ފަހުން ކޮވިޑް19 ވައިރަސް ފެނިފައިވުމުން އެ ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށާއި ދިވެހިންނަށްވެސް ފޯރާނެކަމުގެ ބިރު އިންތިހާއަށް މިދަނޑިވަޅުގައި އެބައޮތް ކަމަށެވެ.

އެހެންކަމުން ގިނަބަޔަކު އެއްވާ ތަންތަނަށް ދިއުމަކީ އޭގެ ޒާތުގައި އެހާ ރަނގަޅު ކަމެއް ކަމަށް އެޕާޓީން ނުދެކޭ ކަމަށްވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އތުރަށް އެބަޔާނުގައި ބުނީ މިފަދަ ހާލަތެއްގައި ވިސްނަންވާނީ ސިޔާސީ ފައިދާއަށްވުރެ ރައްޔިތުންގެ ދުޅަހެޔޮ ކަމާއި ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ޖޭޕީން ބުންޏެވެ.

ޖޭޕީން ބުނީ ހާލަތު ރަނގަޅުވުމުން ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަނެއްކާވެސް ކަނޑައަޅާނެ ކަމަށެވެ. ޖޭޕީގެ ޖަލްސާއަކީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ގޮތުން ބޭއްވުމަށް ނިންމި ޖަލްސާއެކެވެ.