Last Updated: November 24, 05:46
Sunday, November 24, 2024
ރިޕޯޓް

ސެނިޓައިޒާ ކޭހެއް ގަތުމަށް ވުރެ މުހިއްމީ އެންމެން ސެނިޓައިޒްވެ ތިބުން!

ފުރަތަމަ ފަހަރަށް ދިވެހި ރާއްޖެއިން ކޮވިޑް-19 ވައިރަސް ފެނިފައިވާކަން ސަރުކާރުން އިއްޔެ ހާމަކޮށްފައިވާއިރު މުޖުތަމައު ހާސްކަމުގެ ތެރެއަށް ވެއްޓިނުގަނެ، ކަމާ ބެހޭ ފަރާތްތަކަށް އެބޭފުޅުންގެ ޒިންމާ އަދާކުރައްވަން ފުރުސަތު ދެއްވުމަށް ސަރުކާރުން އަންނަނީ ގޮވާލަމުންނެވެ.

ސަރުކާރުގެ ފަރާތުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަމްރު ވަނީ އެކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ. އަމްރު ވަނީ މިއީ ކޮންމެ ގެއަކީ ކަންމަތީ ފިހާރައަކަށް ހަދަންވީ ވަގުތު ނޫން ކަމަށާއި ކޮންމެ ގެއެއްގެ ސިޓިން ރޫމް އެސްޓީއޯގެ ގުދަނަކަށް ނެހެދުމަށް އިލްތިމާސް ކޮށްފައެވެ.

އެހެން ނަމަވެސް ހޭންޑް ސެނިޓައިޒާ ތަކާއި އަތް ދޮންނަ ސައިބޯނި ހުސްވާން ކައިރިވެފައިވާއިރު ވިސްނަން ވީ އެންމެ މުހިންމު ކަމަކީ ކޮންމެ ގެއަކަށް ސެނިޓައިޒާ ކޭހެއް ނުވަތަ ހޭންޑް ވޮޝް ކޭހެއް ގަތުމުގެ ބަދަލުގައި މުޅި މުޖުތަމައުގެ އެންމެން ސާފުތާރިހިރުވެ ތިބުމެވެ.

މިވައިރަސް އަކީ ފަސޭހަކަމާއެކު ގައިން ގަޔަށް އަރާ ވައިރަހަކަށް ވާއިރު، ތިމާ އަދި ތިމާގެ އާއިލާ އެންމެން ކިތަންމެ ވަރަކަށް ސެނިޓައިޒްވެ ތިއްބަސް، އަނެކާއަށް ސެނިޓައިޒްވާނެ ސެނިޓައިޒަރ ފުޅިއެއް ނުލިބި ހުންނަން ޖެހުމަކީ މުޅި މުޖުތަމައު ނުރައްކަލަށް ވެއްޓިގެން ދާނެ ކަމެކެވެ.

ސަރުކާރުން ވަނީ ކޮރޯނާ ވައިރަސްގެ ނުރައްކާ އާންމުވި ހިސާބުން ފެށިގެން އެކަމަށް ރާއްޖެ ތައްޔާރުވާން ފަށާފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން، މިހާރު ދިވެހިން ކާޑުގެ ބާވަތްތައް ވެސް ބޭނުންކުރާ މިންވަރަށް ބޭނުން ކުރަމުންދާނަމަ ރަމަޟާން މަހުގެ ޑިމާންޑާއެކު ވެސް ރާއްޖެ ކާޑަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެހެންކަމުން ހުސްވެދާނެ ކަމަށް ބަލައި ބޮޑު އަދަދުގައި ތަކެތި ނުގަތުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ދެ މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު ދެ މީހުން ވެސް ވަނީ އެކަހެރިކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ ދެމީހުންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށެވެ.

މިހާތަނަށް ވައިރަސްއަށް ޕޮސިޓިވްވީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ މެނޭޖްމަންޓުގެ ދެ މުވައްޒަފުންނެވެ.

މީގެ އިތުރުން ސަމާ އައިލެންޑް ރިސޯޓުން ވެސް ޝައްކު ކުރެވުނު ބައެއް މީހުން އެކަހެރި ކުރުމަށް ފަހު ހެދި ޓެސްޓުތައް ވަނީ ނެގެޓިވް ވެފައެވެ.