ފާއިތުވެގެން ދިޔަ އަހަރުތަކަށްވުރެ މިއަހަރަކީ ރާއްޖެއަށް އިތުރަށް ހޫނު ގަދަވާނެ އަހަރެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ ވަނީ މާޗު މަހާއި އޭޕްރީލް މަހުގައި ކަމަށެވެ. އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މާޗު މަސް ފެށުނު އިރު ވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ އާއްމު ގޮތެއްގައި ފިނި ހޫނު މިން ހުންނަ މިންވަރަށް ވުރެ މަތީގައި ކަމަށެވެ. އެގޮތުން މިއަހަރުގެ މާޗު މަސް ފެށުނުއިރު ފިނިހޫނުމިން ހުރީ 0.5 ދަރަޖަ މަތީގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެހެންކަމުން މި އަހަރުގެ ހޫނު މޫސުމުގެ ދުވަސްތަކުގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ މިދުވަސްވަރުގެ އެވްރެޖު ހޫނުމިނަށް ވުރެ މަތީގައި ކަމަށް އެ ބަޔާނުގައިވެއެވެ.
މެޓުން ބުނީ ދުނިޔޭގެ ފިނިހޫނުމިނަށް ބަލާއިރު ވެސް މިފަހުގެ އަހަރުތަކަކީ، ހޫނުގަދަ އަހަރުތަކެއް ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށެވެ. މެޓް އޮފީހުން ބުނީ މިގޮތަށް މިކަން ދިމާވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގެ ފިނިހޫނުމިން ދަށްވާން ފަށާނީ މޭ މަހުގެ މެދެއްހާ ހިސާބުގައެވެ.