ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ރާއްޖެއިން ވެސް ފެނިފައިވާއިރު ޅ. ހިންނަވަރުންވެސް އެ ބައްޔަށް ޝައްކުވާ މީހަކު ފެނިފައިވާ ކަމަށާއި އަދި އެމީހާ އެ ބައްޔަށް ޓެސްޓު ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އޭނާ މިވަގުތު އެކަހެރި ކޮށްފައިވަނީ ހިންނަވަރުގައި ކަމަށެވެ. އަދި މިއަދު އޭނާގެ ސާމްޕަލް ނަގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނަކީ ހިންނަވަރާއި އެއް އަތޮޅެއްގައި އޮންނަ ރިސޯޓެކެވެ. އެ ރިސޯޓަކީ ޅ. އަތޮޅުގެ ގިނަ ޒުވާނުން ވަޒީފާ އަދާ ކުރަމުން ގެންދާ ރިސޯޓެކެވެ. ކޮވިޑް-19 އެ ރިސޯޓުގެ ދެ މުވައްޒަފަކަށް ޖެހުމުން އެ ރިސޯޓު އަދިވެސް އޮތީ ލޮކްޑައުން ކޮށްފައެވެ. އޭގެފަހުން ރޭ ސަރުކާރުން ވަނީ ސޭންޑީޒް ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ ދެ ރައްޔިތަކަށް ކޮވިޑް-19 ޖެހިފައިވާކަން އިއުލާން ކޮށްފައެވެ. އެއާއެކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ހަތަރަކަށް ރާއްޖެއިން ވަނީ އަރާފައެވެ.
މި ހަތަރު މީހުންނާއި މީގެއިތުރުންވެސް ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރެވޭ މީހުންނަށް ފަރުވާ ދެމުން ގެންދަނީ ފަރުކޮޅުފުށީގައެވެ. ސަރުކާރުން މިއަދު ބުނީ ބަލި ޖެހިފައިވާ ހަތަރު މީހުންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ.