ރާއްޖެއަށް ބޭނުންވާ ވަރަށް ކާބޯތަކެތި ގެނެސް ރާއްޖޭގައި ރައްކާކުރެވިފައިވާ ކަމަށް ދިވެހި ވިޔަފާރިވެރިން ބުނެފިއެވެ.
ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރަށް ބައެއް ފަރާތްތަކުން ދަނީ ކާބޯތަކެތި ގަނެ ރައްކާ ކުރަމުންނެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އެސްޓިއޯއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެސްޓިއޯ އަދި ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރާ ވިޔަފާރިވެރިން ގުޅިގެން މިއަދު ހަވީރު ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ކޮންފަރެންސްގައި ވިޔަފާރިވެރިން ވަނީ ރާއްޖެއަށް ބޭނުންވާވަރަށް ކާބޯތަކެތި އެތެރެކޮށްފައިވާ ކަމުގެ ޔަގީންކަން ދެއްްވާފައެވެ.
މިއަދުގެ ޕްރެސްގައި ރާއްޖޭއަށް އެންމެ ގިނައިން ކާބޯތަކެތި އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ހެޕީމާކެޓުން ބުނީ އެކުންފުނިން އެތެރެ ކުރާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ޑިމާންޑާއި އެއްވަރަށް މިހާރުވެސް ގެނެސްފައިވާ ކަމަށެވެ. އަދި އެކުންފުނިން ވިއްކާ އެއްވެސް މުދަލެއްގެ އަގު ބޮޑު ނުކޮށް ވިއްކަމުންދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
އެކުންފުނިން ބުނީ ރަމަޟާން މަހަށް ބޭނުންވާ ސްޓޮކަށްވެސް މިހާރު އޯޑާ ކުރެވިފައިވާ ކަމަށެވެ.
ހެޕީ މާކެޓުން ބުނީ ގައުމުގެ މިފަދަ ހާލަތެއްގައި އޮތްވާ އެކުންފުނީގެ ތަކެތި ރީޓައިލް ކުރައްވާ ފަރާތްތަކުން އަގު ބޮޑު ނުކޮށް ގައުމީ ފަރުދީ ޒިއްމާ އަދާ ކުރައްވަން އިލްތިމާސް ކުރާ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށް އަގު ބޮޑުކޮށް ތަކެތި ވިއްކާ ނަމަ އެފަރާތްތަކާއި އެކު ވިޔަފާރީގެ ގުޅުން ކަނޑާލާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިއަދުގެ ޕްރެސްގައި އެހެން ވިޔަފާރިވެރިންވެސް ވަނީ އެފަރާތްތަކުން އެތެރެ ކުރާ ކާބޯތަކެތީގެ ސަޕްލައި ބަރާބަރަށް ހުރިކަމުގެ ޔަގީންކަން ދެއްވާފައެވެ.