Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އިންތިހާބު ފަސް ކުރުމަށް އެމްޑީޕީގެ މެންބަރުން ދެކޮޅު ހަދައިފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ބުނެ ބައެއް ފަރާތްތަކުން އެކަމަށް ގޮވާލަމުން އަންނައިރު އެކަން އެގޮތަށް ނުކުރުމަށް އެމްޑީޕީގެ މެންބަރުން މިއަދު ގޮވާލައިފިއެވެ.

ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ ގޮތް ބަދަލު ކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިންތިހާބު ފަސްނުކޮށް މިހާރުވެސް ތާވަލު ކޮށްފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ގޮވާލާފައެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ހާލަތަކީ އިންތިހާބެއް ފަސްކޮށް އިންތިހާބެއް ބާއްވައިގެން ނުވާނެ ފަދަ ހާލަތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ތާރީހުގައި އިންތިހާބު ބޭއްވުމަށް ގޮވާލާ ކަމަށެވެ. ހަސަންޓޭ ވިދާޅުވީ އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ނުބާއްވައިފިނަމަ ގައުމަށް ހަމަޖެހުން ލިބެން ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ ޑިމޮކްރެޓިކް އިންތިހާބުތައް ފަސް ކުރުމެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ މިވަގުތު ކައުންސިލަރުންގެ މަގާމުގައި ތިއްބެވި އިދިކޮޅު ކައުންސިލަރުންގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ އަމަލުތައް ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިހާބު ފަސް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާވެސް ވަނީ ހަސަންޓޭ ވިދާޅުވި ފަދައިން އިންތިހާބު ފަސްކުރުމަކީ އޭގެ ސަބަބުން މުޅި ގައުމަށް އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް މުޅި ގައުމު ހުއްޓައިގެން މިކަން ވާކަށެއް ނެތް. މުޅި ގައުމު ހުއްޓައިފިއްޔާ މާނައަކީ މުޅި ގައުމު ބަނޑަށް ޖެހުނީ. ބަންދުކޮށްގެން މި ގައުމެއް ނުހިންގޭނެ،" ޝިޔާން ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން މިފަދައިން ގޮވާލެއްވިއިރު ސަރުކާރު ކޯލިޝަން ޕާޓްނަރު އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އިންތިހާބު ލަސް ކުރުމަށް ގޮވާލައިފައެވެ. އެމަނިކުފާނުގެ ޓްވީޓުގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިލެކްޝަންސް ކޮމިޝަން ޓެގް ކުރައްވާފައެވެ.

މީގެއިތުރުން އެމްޑީޕީން ވެސް ހުދު ވަނީ ކޮވިޑް19 ގެ ސަބަބުން ކައުންސިލް އިންތިހާބުގެ ކެމްޕެއިން މަޑުޖައްސާލައިފައެވެ. އަދި އިދިކޮޅު ޕީޕީއެމްއާ އެހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ މެންބަރުން ވެސް ވަނީ އިންތިހާބުގެ ކެމްޕެއިން މަޑުޖައްސާލައިފައެވެ.