ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބާއްވަން ޖެހޭ ކަމަށާއި އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކޮށްދިނުމަކީ ގާނޫނު ބުނާ ގޮތުން ސީދާ ކައުންސިލްތަކުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ރޯގާއިން އަރައިގަތުމަށް ކުރަން އޮތް މަސައްކަތެއް ފުރަތަމަ ދަރަޖައިގައި ކުރަން އޮތީ ކައުންސިލަރުންނަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
""އެއީ ކިއު ހަދަން ޖެހިދާނެ ތިން ފޫޓުން ތިން ފޫޓުން ދުރުގައި ތިބޭ ގޮތައް ވެސް އަދި ފޮށި އިތުރު ކުރަން ޖެހިދާނެ އެތައް ވަރަކަށް ވެސް. އެހެން ނަމަވެސް ކުރިއަށް ގެންދާ ގޮތަށް އިއްޒަތްތެރި މެންބަރުންނަށް ފެނިވަޑައިގަންނަވަނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ކައުންސިލް އިންތިހާބު ފަސް ނުކުރުމަށް ގޮވާލާފައެވެ. ނަމަވެސް ނަޝީދު މިފަދައިން މި ވިދާޅުވީ އިންތިހާބު ފަސް ކުރުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވާފައި ވަނިކޮށެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމަށް އެމްޑީޕީން ދެކޮޅު ހެދިއިރު އިލެކްޝަނުން ބުނެފައި ވަނީ ކައުންސިލް އިންތިހާބު ފަސް ކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމާއި ގުޅިގެން އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ.