Last Updated: April 25, 23:04
Saturday, April 26, 2025
ޚަބަރު

ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފި

ކޮރޯނާވައިރަހާ ގުޅިގެން މާލޭގައި ހުންނަ ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ މި ކްލިނިކްގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ކަމަށެވެ. މިއީ އާންމުންނަށް ހުޅުވާލައިގެން ހިންގާ ކްލިނިކެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވިއިރު، މާލޭގައި މިއަދު ވަނީ ޓްރެވެލް ކްލިނިކެއްވެސް ހުޅުވާފައެވެ. ސިނަމާލެ ފުރަގަހުގައި އޮންނަ ހުސް ބިމުގައި ހުޅުވި މި ކްލިނިކުން 24 ގަޑިއިރު ހިދުމަތް ދޭނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް ވަނީ ހަ މީހަކު ޕޮޒިޓިވްވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

ހަ މީހަކު ޕޮޒިޓިވްވެފައިވާއިރު ފަސް ރިސޯޓަކަށް އަރައި ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. އަތޮޅު)، ސޭންޑީޒް ބަތަލާ އައިލެންޑް (އއ. އަތޮޅު)، ވިލަމެންދޫ އައިލެންޑް ރިސޯޓް (އދ. އަތޮޅު) އަދި ކުރަމަތި މޯލްޑިވްސް (އއ. އަތޮޅު) އެވެ.

ރާއްޖެއިން ހަ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.