ކޮރޯނާވައިރަހަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކުރަމަތި އައިލޭންޑް ރިސޯޓުން ކޮވިޑް19 އަށް ޓެސްޓްކުރި ދެ ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަދި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ރިސޯޓަށް އަރައިފޭބުން އަދިވެސް އޮތީ ހުއްޓާލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
ކުރަމަތި ރިސޯޓުން #ކޮވިޑް19 އަށް ޓެސްޓްކުރި 2 ބިދޭސީއެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައި.
ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ރަށަށް އަރައިފޭބުން އަދިވެސް އޮތީ ހުއްޓައިލެވިފައި.
— Health Protection Agency (@HPA_MV) March 11, 2020
އެ ދެ މީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ.
މި ބައްޔަށް މީގެކުރިން ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.
ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.
ރާއްޖެއިން ހަ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.