އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ހާލަތެއް އަދި ރާއްޖޭގައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ބާއްވަމުން ގެންދާ ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވަންޖެހޭ ތާރީހުގައި ނުބާއްވާ ތާރީހަށް ބަދަލު ގެނައުމުގެ ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި އަދި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. ސަބަބަކީ އިންތިހާބު ބާއްވަން ނުޖެހޭ ފަދަ އެއްވެސް ހާލަތެއް ރާއްޖޭގައި އަދި ނެތުމުންނެވެ. ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯޓުގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އިލެކްޝަން ކޮމިޝަނުގެ ފަސް މެންބަރުންނަށް ވެސް އެފަދަ ހާލަތެއް ރާއްޖެއަށް އައިކަމަކަށް އަޅުގަނޑުމެން ކޮމިޝަނުގެ މެންބަރުންނަކަށް ހިޔާލުތަފާތުވާ ލެވަލަކަށް ވެސް ނާދެ. ކޮމިޝަނުގެ މެންބަރުންނަށް އެބަ އިއްތިފާގުވެ ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭ ހިސާބަކަށް އަދި ނުދާކަމަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި އިންތިހާބު ލަސްކުރަން ޖެހިއްޖެ ނަމަ ބޮޑު ހަރަދެއް ކުރަން ޖެހޭނެއެވެ. އެގޮތުން އިންތިހާބަށް ކަނޑައެޅި ބަޖެޓްގެ ތިންބައިކުޅަ އެއްބައި ހަރަދު ކޮށްފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކޮށްފި ނަމަ އިތުރަށް 25 އާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ބޭނުންވާނެ ކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވިއިރު އެމްޑީޕީން ވެސް އަދި ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ މިހާރު އޮތް ތާރީހުގައި އިންތިހާބު ބޭއްވުމަށް ތާއީދު ކުރައްވާ ކަމަށް ބުނެފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް ވަނީ އިންތިހާބު ފަސް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.