މިދިޔަ ހަފްތާ ތެރޭ އައްޑޫސިޓީ ކައުންސިލުން ވަނީ އައްޑޫގައި މެރިކަލްޗަރ މަޝްރޫއެއް ފައްޓަން ނިންމާފަ އެވެ. އަދި އެ މަސައްކަތް ކުރުމަށް އައްޑޫގެ އެތެރެވަރިން 4 ކިލޯމީޓަރުގެ ސަރަހައްދެއް ފަރަންސޭސި ކުންފުންޏަކަށް ދޭން ނިންމާފައިވާ އިރު އެތަނުން އުފައްދާ މަސް ޕްރޮސެސްކުރުމަށް ފެކްޓަރީ އެއް ހިންގަން އާރުއޭފް ސަރަހައްދުން 5 ހެކްޓަރުގެ ބިން ދޫކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.
ކައުންސިލުން މިފަދަ ބޮޑު ބިމެއް ބަޔަކަށް މި ދޫކުރަނީ އައްޑޫއަށް ގިނަ ވަޒީފާގެ ފުރުސަތު ދިނުމަށް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ކައުންސިލުން މިގޮތަށް ނިންމައި އައްޑޫން ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ދޭން ނިންމިއިރު އައްޑޫގެ އެއްވެސް ބަޔަކާއި މަޝްވަރާކޮށްފައެއް ނުވެ އެވެ.
ކައުންސިލުން މިގޮތަށް ނިންމި އިރު އައްޑޫގެ ދިގު މުއްދަތުގެ ތަރައްޤީގެ ޕްލޭންގައިވާ ގޮތުން މިފަދަ ބޮޑު ބިމެއް އެތެރެވަރި އާއި އެއްކޮށް ދޫކޮށްލައިފިނަމަ ޕްލޭންތައް ފުށޫއަރާނެ އެވެ. އާރްއޭފުގެ އައްސޭރި ޓޫރިޒަމާއި ޕިކްނިކް ސަރަހައްދު އޭރުން އޮންނާނީ ފަރަންސޭސި ކުންފުންޏަށް ދޫކުރާ ބިމުގެ ތެރޭގައެވެ. ޓޫރިސްޓުން ތިބެނީ މެރިކަލްޗާ ކުރަން ދޫކުރި ތަނަށް އެރި ފަތަފަތަ އެވެ.
ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި އޮތް ނަމަވެސް މި ފެންނަނީ ކައުންސިލަށް ރަނގަޅުހެން ހީވާ ކޮންމެ ކަމެއް ކައުންސިލަށް ކުރާން އުޅޭތަނެވެ. އެކަމަކު އެކަމެއް އޮގޮތަކަށް ނުކުރެވޭނެއެވެ. އެއީ ލާމަރުކަޒީ ޤާނޫނެެގެ ރޫހާއިވެސް ހިލާފު ކަމެކެވެ.
ކައުންސިލުން ކަންތައްތައް ނިންމާއިރު ރައްޔިތުން ބޭނުންވަނީ ކޮންގޮތެއްތޯ ބަލަން އެބަޖެހެއެވެ. ތަޢުލީމީ ގޮތުން އައްޑޫ މިދަނީ ކުރިއަރަމުންނެވެ. އެންމެ ގިނަ އަދަދަކަށް ކުދިން އޯލެވެލް އިން ފާސް ވަމުން މިދަނީ އައްޑޫންނެވެ.
ކޮންމެ އަހަރަކު އެތަކެއް ކުދިންނެއް ރަނގަޅު ނަތީޖާތަކާއި އެކު ފާސް އެބަވެއެވެ. މިހެން މިކަން ވާއިރު މިކުދިން ކިޔަވައި ނިމިގެން ބޭނުން ވަނީ މަސް ބަންދު ކުރާ ކާރު ހާނާއެއްގައި މަސައްކަތްކުރަން ކަމަށް ކައުންސިލުން ހީކޮށްގެން ނުވާނެއެވެ.
މުޅި ދިވެހިރާއްޖެ ޒުވާން މުޖުތަމަޢުވެސް މިދަނީ ތަޢުލީމާއި، ހުނަރުވެރިކަމާއި، އަދި ފަންނީ ޤާބިލުކަމުގެ ރޮނގުން ކުރިއަރަމުންނެވެ. އައްޑޫގެ ޒުވާނުންގެ އާބާދީ ގެ ނިސްބަތަކީ މިހާތަނަށް އައްޑޫ ދުށް އެންމެ ބޮޑު އަދަދެވެ.
ޒުވާނުން ބޮޑަށް އިހުތިޔާރު ކުރަނީ ޒަމާނީ އާ ހިދުމަތް ދޭ ތަންތަނާއި ރަނގަޅު ވަޒީފާ ތަކުގައި ތިބުމަށެވެ. ޒުވާނުންގެ ބޮޑު ބައެއް އެމީހުންގެ އަމިއްލަ މަސައްކަތް ކުރުމަށާއި އަމިއްލަ ވިޔަފާރި ފެށުމައް ބޭނުންވެ އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި އެދޭ ވޭ މިންވަރަކަށް އިޤްތިސާދީ ގޮތުން ކުރި އަރާފައި ވަނީ ދަތުރުފަތުރު އަދި މުވާސަލާތީ ކަންކަމާއި ގުޅޭ ދާއިރާތަކެވެ. ރާއްޖެއަށް މުސްތަޤުބަލް އޮތީ މި ދާއިރާތަށް ތަރައްޤީ ކުރަން އިތުރަށް ހޭދަ ކޮށްގެންނެވެ. އަހަރުމެން ދިރި އުޅެމުން މިދަނީ ލާމެހެފައިވާ ދުނިޔެ އެއްގަ އެވެ. އަދި ބަވަނަ ވަމުން އަންނަ ދުނިޔެއަކަށް ތައްޔާރު ވަމުން ދާއިރު މަސްކަނޑުތަކުން ބޭރަށް ވިސްނުން ގެނަން އެބަޖެހެއެވެ. އަދު ގެ ޒުވާނުންނަކީ ފަހުގެ ޓެކްނޮލޮޖީ ތަކަށް އަހުލުވެރި ޒަމާނީ ހިދުމަތްތަކާއި ގޮތްތަކަށް ބޭނުންވެފަ ތިބި ބައެެކެވެ.
މިހާރުވެސް އައްޑޫގައި މެދު ފަންތިއެއްގައި މަސް ޕްރޮސެސް ކުރާ ދެތިން ފަރާތެއް އުޅެއެވެ. އެއިން އެއްވެސް ތަނެއްގައި އަމަލީ މަސައްކަތުގައި ދިވެއްސެއް ނޫޅެއެވެ. ތަނުގެ ވެރިފަރާތުން ނުވަތަ އެފާރާތާއި ގާތްބަޔަކު ކޮންމެވެސް ސިފައެއްގައި ހަރަކާތްތެރި ނުވާ ވާހަކައެއް ނޫނެވެ. އައްޑޫގައި މިހާރުވެސް އެތައް ދަނޑު ބިންތަކެއްވެސް އެބަ ހުއްޓެވެ. ހުރިހާ ތަނެއް ބަލަހައްޓަނީ ބިދޭސީންނެވެ. ޔަގީންކޮށް ބުނަން އެނގެނީ މި މަސް ބަންދު ކުރާ ފެކްޓަރީގައި ވެސް މަސައްކަތް ކުރަން ދިވެހިން ނުދާނޭ ކަމެވެ. ސަބަބަކީ އެކުދިން ކިޔެވި ކިޔެވުމާއި އެތަން ތަނުން ދޭނެ އުޖޫރައެވެ. އޭ ލެވެލް އިން ރަނގަޅު ނަތީޖާ ހޯދައި މަތީ ތައުލީމު ހާސިލްކޮށްގެން އައްޑޫއަށް އަންނަ ކިތައް ކުދިންނަށް އެކަށޭނެ ވަޒީފާ ހުންނާނެ ތޯއެވެ.
އަމުދުން ބޭރު ބަޔަކު ކުރާ އިންވެސްޓެއްގެ ހަރު ހިސާބަކަށް ދިވެއްސަކަށް ހުރެވެނީ މަދު ފަހަރެއްގަ އެވެ. އެ ވާހަކަ ދައްކާނީ ފަހުންނެވެ.
އައްޑޫސިޓީ ކައުންސިލުން އައްޑޫގެ ބޮޑެތި ބިންތައް ބޭރުގެ ފަރާތްތަކަށް ދިނުމަށްފަހު ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދޭން އުޅޭނީ އަވައްޓެރި ޤައުމުތަކުގެ މީހުންނަށް ކަމަށް ފަހަރުގައި ވެދާނެއެވެ.
ދިވެހި ޒުވާނުން ކިބުރުވެރީއެއް ނޫނެވެ. އެކަމުގައި މާބޮޑު ހުނަރެއް ބޭނުން ނުވާ، އެކަމަކުން މާ ބޮޑެތި މަންފާއެއް ނުކުރާނެ މަސައްކަތެއް ކުރަން ހަމަ ބޭނުން ނުވަނީ އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަހަލަ ކަންތައްތައް ކުރަން ނިންމާ އިރު މިހާރަށް ވުރެ ޒިންމާދާރުވެ އައްޑޫ ރައްޔިތުންގެ އަޑު އެހުން މުހިންމެވެ. ވަކި މަޤްސަދެއް ހާސިލު ކުރުމަށް ހިތު ހުރިހާ ގޮތަކަށް އައްޑޫގެ ތަރައްޤީ އާއި ކައުންސިލަށް ނުކުޅެވޭނެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ މަސްލަހަތަށް މަސައްކަތް ކޮށް 3 އަހަރުތެރޭ އައްޑޫގެ ގިނަ ބިންތައް ހިތުހުރި ގޮތަކަށް ބަހައި ނިންމައިފި އެވެ. ހިތަދޫގެ މަލަމަތި އަކީ ކުޑަވަރެއްގެ "ބަންގާޅީ" އަވަށެކެވެ.
ދެން އާރްއޭފް ވެގެންދާނީ ފަތުރުވެރިން ހުއިފިލަނޑާ ނަގަންދާނެ އައްސޭރި ޓޫރިޒަމްގެ ނަމޫނާ ތަނަކަށެވެ.
ކައުންސިލްގެ ނިންމުމަކީ ކުރި މަގުގައި ސްކޫލް ނިންމާ ދަރިވަރުން މަސް ބަންދުކުރުމެވެ. މީ ކައުންސިލްގެ 3 އަހަރުގެ ދައުރުގެ ހަދިޔާ އެވެ.