Last Updated: November 28, 20:34
Thursday, November 28, 2024
ޚަބަރު

ސްޓޫޑަންޓު ލޯނަށް އެދި 1300 ދަރިވަރުން ފޯމު ހުށަހަޅައިފި

މަޖިލިސް ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު --

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔެވުމަށް، ހުޅުވާލި ފުރުސަތުގައި 1300 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު ޖުމްލަ 1300 އެޕްލިކޭޝަން ވަނީ ހުށަހަޅާފައިވާ ކަމަށެވެ. ހަޔާ އެޑިއުކޭޝަނުން ބުނީ ކުރި އެ މިނިސްޓްރީން ކުރި އިއުލާނުގައި ވާގޮތަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 550 ދަރިވަރުންނަށް ކަމަށެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5ން ފެށިގެން ފެންވަރު 10ގެ ނިޔަލަށް، އަދި ލައިސަންސް ނުވަތަ ޕްރޮފެޝަލް ޕްރޮގްރާމް ތަކަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ލޯނު ސްކީމަށް 151 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދުމަށް، ލޯން ސްކީމަށް މިފަހަރު ހުޅުވާލާފައިވަނީ ބޮޑެތި ހެޔޮ ބަދަލުތަކަކާއި އެކުގައެވެ. މިގޮތުން ވީހާވެސް ގިނަ ރައްޔިތުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބިދިނުމުގެ ބޭނުމުގައި، އަދި ވަކިން ޚާއްސަކޮށް ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިސްކަންދިނުމަށްޓަކައި ލޯނު ދިނުމުގެ އުސޫލަށް ވަނީ ވަރަށް މުހިންމު ބަދަލެއް ގެނެސްފައި ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާއިރު ލޯނު ހޯދައިގެން ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ޚަރަދުން ބައެއް ކުރިން ލިބިފައިވާ ފަރާތްތަކަށްވެސް ކޯސް ފުރިހަމަ ކުރެވިފައި ނުވާނަމަ، އެފަރާތްތަކަށްވެސް ލޯނަށް ކުރިމަތިލެވޭގޮތަށް މިއަހަރުގެ ލޯނު އުޞޫލުގައި ކަނޑައަޅާފައިވެއެވެ.

ލޯން އެޕްލިކޭޝަން ފުރިހަމަކުރުމަށް ސެޓްފިކެޓްތައް އެޓެސްޓްކުރަން ނުޖެހޭގޮތަށް ނުވަތަ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައިވުމަކީ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯން ހޯދައިގެން ކިޔެވުމަށް ދަރިވަރު އިޚްތިޔާރު ކުރާ ޤައުމަކުން ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު މިސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި ލޯނުގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ލޯނު އުސޫލުގެ ޖަދުވަލު 1 (އެކެއް) ގައި ބަޔާންކޮށްފައިވާ ޤައުމުތަކުންކުރެ ޤައުމެއްގައި ބަޔާންކޮށްފައިވާ ކެޓެގަރީއިން ކިޔެވުމަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ މިނިސްޓްރީން ބުނީ ލޯނު ލިބޭ ފަރާތްތައް މި މަހުގެ 20ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.