ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސް ކޮށްދިނުމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްއާރްއެމް އިން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.
އެމްއާރްއެމް އިން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރާއްޖެއިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅަކީ އިންތިހާބަށް ވެސް ސިޔާސީ ޕާޓީޓަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއް ކަމަށެވެ.
އެހެންނަމަވެސް މިހާރު ގައުމުގެ މި ހާލަތު އޮތް ގޮތުން ދައުލަތުން އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށްގެން ކުރިޔަށް ގެންދާ އިންތިހާބަކަށް އާއްމުންގެ ތަރުހީބު ނުލިބި ވޯޓުލުމަށް ދާނެ މީހުން މަދުވުމަކީ މާލީ ގޮތުން ކުރެވޭ އިސްރާފެއް ކަމަށެވެ. އަދި ބުނީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކަށް ހުރަސް އެޅިގެންދާ ކަމަށެވެ. އެމްއާރްއެމްއިން ވަނީ ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު އިންތިހާބު ފަސް ކުރުމަށް އިލެކްޝަނުގެ ކިބައިން އެދިފައެވެ.
އެމްއާރްއެމްއިން މިގޮތަށް އެދިފައިވާއިރު އެޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އިންތިހާބު ފަސް ކުރުމަށް އިއްޔެ ގޮވާލާ ޓްވީޓެއް ކުރައްވާފައެވެ.
ނަމަވެސް އުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވަންޖެހޭ ތާރީހުގައި ނުބާއްވާ ތާރީހަށް ބަދަލު ގެނައުމުގެ ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި އަދި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. ސަބަބަކީ އިންތިހާބު ބާއްވަން ނުޖެހޭ ފަދަ އެއްވެސް ހާލަތެއް ރާއްޖޭގައި އަދި ނެތުމުންނެވެ. ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯޓުގެ އިޝްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އިލެކްޝަން ކޮމިޝަނުގެ ފަސް މެންބަރުންނަށް ވެސް އެފަދަ ހާލަތެއް ރާއްޖެއަށް އައިކަމަކަށް އަޅުގަނޑުމެން ކޮމިޝަނުގެ މެންބަރުންނަކަށް ހިޔާލުތަފާތުވާ ލެވަލަކަށް ވެސް ނާދެ. ކޮމިޝަނުގެ މެންބަރުންނަށް އެބަ އިއްތިފާގުވެ ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭ ހިސާބަކަށް އަދި ނުދާކަމަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި އިންތިހާބު ލަސްކުރަން ޖެހިއްޖެ ނަމަ ބޮޑު ހަރަދެއް ކުރަން ޖެހޭނެއެވެ. އެގޮތުން އިންތިހާބަށް ކަނޑައެޅި ބަޖެޓްގެ ތިންބައިކުޅަ އެއްބައި ހަރަދު ކޮށްފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކޮށްފި ނަމަ އިތުރަށް 25 އާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ބޭނުންވާނެ ކަމަށެވެ.