Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކުރެއްދޫ، ބަތަލާ އަދި ކުރަމަތި ހުޅުވާލައިފި

ކުރެއްދޫ ރިސޯޓު --

ކޮރޯނާވައިރަހާ ގުޅިގެން ވަގުތީ ގޮތުން އަރައި ފޭބުން މަނާކުރި ތިން ރިސޯޓު އަލުން ހުޅުވާލައިފިއެވެ.

އެގޮތުން ވަގުތީ ގޮތުން އަރައި ފޭބުން ހުއްޓުވާފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީސް ބަތަލާ އަދި ކުރަމަތި މޯލްޑިވްސް އަށެވެ.

މި ތިން ރިސޯޓަށް އަރާފޭބުން ހުޅުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް މި ބަލިފެނުމުގެ ފުރުޞަޠު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމު އެ ރިސޯޓްތަކުގައި ވަނީ ހަމަޖައްސާފައެވެ.

އަދި އެކަހެރިކޮށްފައިވާ ފަރާތްތައް ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން އެކުލަވާލައިފައިވާ އުސޫލުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް އެ މީހުން ޢަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލާ ކަށަވަރުކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެއާއެކު އެރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން "އެގްޒިޓް ސްކްރީން" ކުރެވޭނެއެވެ. އަދި މީގެ އިތުރުން މިބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި މިބަލި ފެތުރުނަ ނުދިނުމަށްޓަކާ ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޞިއްޙީމުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ކޯވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ 'ޕެންޑަމިކް' އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންމިހާރުވަނީ ކަނޑައަޅާފައެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން 'ޕެންޑަމިކް' ކަނޑައެޅި ފުރަތަމަ ފަހަރެވެ.